ޚަބަރު
ޗުއްޓީ ދުވަސްވަރަށް ލ.އަތޮޅު ކޮމާންޑަރުގެ ހާއްސަ މެސެޖެއް!
ލ.އަތޮޅު ޕޮލިސް ކޮމާންޑަރ، އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލްޙަފީޡު އިބްރާޙީމް -- ފޮޓޯ؛ ލާމު ޕޮލިސް

ޗުއްޓީ ދުވަސްވަރާ ގުޅޭގޮތުން ހުރިހާ ދަރިވަރުންނަށް ލ.އަތޮޅު ޕޮލިސް ކޮމާންޑަރ، އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލްޙަފީޡު އިބްރާޙީމް ހާއްސަ މެސެޖެއް ދެއްވައިފިއެވެ.

ލ.އަތޮޅު ކޮމާންޑަރ މި މެސެޖު ދެއްވާފައިވަނީ އިއްޔެ ލ.އަތޮޅު ޕޮލިސްގެ ރަސްމީ ފޭސްބުކު ޕޭޖުގައި ޝާއިޢުކޮށްފައިވާ ވީޑިޔޯ އަކުންނެވެ.

މި ވީޑިޔޯގައި ޙަފީޡު ވިދާޅުވީ މި ޗުއްޓީއަކީ ކިޔެވުމުގައި ބުރަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު، އާއިލާއާއި އެކުވެރިންނާއި އެކު ވަގުތު ހޭދަކޮށްލަން ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އަދި ކިޔެވުމާ ދުރަށްޖެހިލާ ޗުއްޓީއަށް ދިޔަ ނަމަވެސް، ޗުއްޓީ ދުވަސްވަރުގައި ސަމާލުކަން ދޭންޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ.

އެގޮތުން ޙަފީޡު ވިދާޅުވީ ގިނަ ކުދިންނަކީ ސޯޝަލް މީޑިއާ ބޭނުންކުރާ ކުދިން ކަމަށާއި، މި މުއްދަތުގައި ސޯޝަލް މީޑިއާ ބޭނުންކުރާއިރު ކާކުކަން ނޭނގޭ މީހަކު މެސެޖު ކުރި ނަމަވެސް، އެމީހުންނަށް ރިޕްލައި ކުރުމާއި، ވާހަކަދެއްކުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތައް ކުރުމުގެ ކުރިން ޕަބްލިކަށް މި ދޫކޮށްލެވެނީ ކިހާވަރެއްގެ، ކޯއްޗެއްތޯ ބަލަންވާނެ ކަމަށްވެސް ޙަފީޡު ވަނީ ނަސޭހަތްތެރި ވެފައެވެ.

މީގެ އިތުރުން ޗުއްޓީ ދުވަސްވަރުގައި ހުރިހާ ކުދިންވެސް ކުށްތަކާއި ދުރުހެލިވާން މަސައްކަތް ކުރަންވާނެ ކަމަށްވެސް ޙަފީޡު ވިދާޅުވިއެވެ. އަދި ހުރިހާ ކުދިންނަށްވެސް ރަނގަޅު ކަންކަމާއި ގޯސް ކަންކަން އެނގޭނެކަން ފާހަގަކުރައްވާ ޙަފީޡު ވިދާޅުވީ، ލައިސަންސް ނެތި ސައިކަލް ދުއްވުމާއި މަގުމަތީގެ އަދަބުތަކާއި ޚިލާފަށް އަޑުގަދަކޮށް ސަކަރާތްޖެހުމަކީ އެއްގޮތަކަށްވެސް ރަނގަޅު އާދަތަކެއް ނޫން ކަމަށެވެ. އަދި ރޭގަނޑުގެ ލަސް ވަގުތުތަކުގައި ބެލެނިވެރިޔަކާއި އެކުގައި ނޫނީ ބޭރުގައި އުޅުމަކީ ރަނގަޅުކަމެއް ނޫން ކަންވެސް ވަނީ ހަނދާން ކޮށްދެއްވާފައެވެ.

ދަރިވަރުންނަށް ދެއްވި ނަސޭހަތުގެ ވީޑިއޯ މެސެޖެއްގައި ޙަފީޡު ވަނީ ގަޑިންގަޑިއަށް ނަމާދުކޮށް، ޤުރުއާން ކިޔަވައި، މޮޅު ކުއްޖަކަށް ވޭތޯ ގިނަގިނައިން ދުޢާކުރަން ވާނެކަން ހަނދާންކޮށް ދެއްވާފައެވެ.

މީގެ އިތުރުން މި ޗުއްޓީގައި ގިނަ ކުދިން ރައްޓެހިންނާއެކު ބީޗަށް ގޮސް، ޕިކްނިކް ގޮސްހަދާނެކަން ފާހަގަކުރައްވާ ވިދާޅުވީ، މިގޮތަށް ދާއިރު ވެސް، ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފަތަން ދަންނަ ބޮޑު މީހަކު ގޮވައިގެން ދިއުން މުހިންމު ކަމަށެވެ.

4
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top