ވ.އަލިމަތަ ރަށުގައި ހިންގަމުންދާ ނަކައި އަލިމަތާ ރިސޯޓުން ކަނޑަށް ކުނި އެޅުމާ ގުޅިގެން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން އެތަން ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފިއެވެ.
އީޕީއޭއިން ބުނީ ވ.އަލިމަތަ ރަށުގައިވާ ނަކައި ރިސޯޓު ގުރޫޕުގެ ނަކައި އަލިމަތާ ރިސޯޓުން ކުނިވާޒާތުގެ ކުނި ކަނޑަށް އެޅުމުން، ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ކުނި މެނޭޖުކުރުމުގެ މިންގަނޑުތަކާ ހިލާފުވެފައިވާ ކަމަށެވެ.
އީޕީއޭއިން ވަނީ މިމައްސަލައިގައި ނަކައި އަލިމަތާ ރިސޯޓު ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ، ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން 312,750 (ތިންލައްކަ ބާރަހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
އީޕީއޭއިން ބުނީ މިޖޫރިމަނާގެ ފައިސާ އެއެޖެންސީއަށް 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެފަރާތަށްވަނީ އަންގާފައިވާ ކަމަށެވެ.