ބިދޭސީން ގެނައުމަށް ސަރުކާރުން ފަރުމާކޮށްފައިވާ ޕޯޓަލް ނަކަލުކޮށްގެން އޮންލައިން ޕޯޓަލްތަކެއް ހަދައި، އޮޅުވާލައިގެން ބިދޭސީން އެތެރެކުރަން ބައެއް ފަރާތްތަކުން މަަސައްކަތްކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެތަނުގެ އެކްސްޕެޓް އޮންލައިން ސިސްޓަމަކީ ބިދޭސީން ގެނައުމާއި ގުޅޭ ކޯޓާ އާއި ވަޒީފާ އަދާކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމަށް ހަދާފައިވާ ޕޯޓަލެއް ކަމަށާއި އޮޅުވާލައިގެން މިހާރު ޕޯޓަލް/ވެބްސައިޓްތައް ހިންގަނީ މިނިސްޓްރީގެ ޕޯޓަލްއާ ވީހާވެސް އެއްގޮތަށް، އާއްމުންނަށް އޮޅޭ ގޮތަށް ކަމަށެވެ.
މިފަދަ އެއްޗެހި ފަރުމާކޮށް ވަނީ ޔޫޒާ އެކައުންޓާއި އެހެނިހެން ޒާތީ މައުލޫމާތު ހޯދައި، އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ އެގޮތަށް ނަކަލުކޮށްފައިވާކަން މިހާތަނަށް ފާހަގަވެފައިވާ ހަ ވެބްސައިޓެއް އެ ބަޔާނުގައި ފާހަގަކޮށްފަ އެވެ.
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގެނައުމުގެ ކަންކަން ކުރުމަށް މި މިނިސްޓްރީއިން ފަރުމާކޮށް އާމުންނަށް ހުޅުވާލާފައިވާ ޕޯރޓަލް، އެކްސްޕެޓް އޮންލައިން (https://t.co/67zUqCTmTS)، ނަކަލުކޮށް، އޮންލައިން ޕޯރޓަލްތައް ހަދަމުން ދާކަން މި މިނިސްޓްރީގެ ސަމާލުކަމަށް ވަނީ އައިސްފައެވެ pic.twitter.com/vzIl7qXRk9
— Economy & Trade (@MoEDmv) July 3, 2022
މިނިސްޓްރީގެ ރަސްމީ ޕޯޓަލްގެ ލިންކަކީ https://xpat.egov.mv އެވެ.
އިކޮނޮމިކް މިނިސްޓްރީގެ އެކްސްޕެޓް އޮންލައިން ޕޯޓަލް/ ވެބްސައިޓް ފިޔަވައި އެއްވެސް އެހެން ސައިޓަކަށް މައުލޫމާތު ނުދިނުމަށާއި އަދި އެފަދަ ސައިޓަކަށް ވަދެވިފައިވާ ނަމަ ޕާސްވޯޑް ރީސެޓްކުރަން މިނިސްޓްރީން ވަނީ އަންގާފަ އެވެ.