މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ އުދުހުންތައް މިމަހުގެ 10 ވަނަ ދުވަހު ފަށާނެ ކަމަށް އެ އެކެޑެމީން ބުނެފި އެވެ.

އައިލެންޑް އޭވިއޭޝަނުން މިއަދު ބުނީ މޯލްޑިވިއަން ފްލައިން އެކަޑަމީ ގާއިމްކޮށް ހިންގުމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ފުރިހަމަކޮށް ސިވިލް އެވިއޭޝަން އޮތޯރިޓީން ހަދަންޖެހޭ އިންސްޕެކްޝަން ހަދައި ނިމި، ސްކޫލް ހިންގުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ ޕައިލެޓް ޓްރެއިނިން ހަދަމުން ދިޔަ ދަރިވަރުންގެ ތެރެއިން، ފުރަތަމަ ބެޗްގައި ރިފްރެޝަރ ޕްރޮގްރާމް ނިންމާފައިވާ 35 ދަރިވަރުންނާއެކު މިމަހުގެ 10ވަނަ ދުވަހުން ފެށިގެން، ބޯޓު ދުއްވުމުގެ ޕްރެކްޓިކަލް ގަޑިތައް ފަށާނެކަމަށެވެ. އެގޮތުން ފްލައިން ގަޑިތައް އެންމެ ފުރަތަމަ ފަށާނީ އައްޑޫ ފްލައިން އެކެޑަމީން އެވެ.

ދެ ވަނަ ބެޗުގެ 39 ދަރިވަރުންގެ ރިފްރެޝާ ޕްރޮގްރާމް ފެށިގެން މިހާރު ކުރިއަށްދާ ކަމަށާއި ފުރަތަމަ ބެޗްގެ ދަރިވަރުން ފްލައިން ނިމެމުންދާ ވަރަކުން ދެވަނަ ބެޗްގެ ދަރިވަރުން ފްލައިން ފަށާނެ ކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ.

އައިލެންޑް އޭވިއޭޝަނުގެ އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން މި 74 ދަރިިވަރުންގެ ފްލައިން ގަޑިތައް ފުރިހަމަކުރެވުމެވެ. މީގެ އިތުރުން، އިތުރު ބެޗެއްގެ ރިފްރެޝަރ ޕްރޮގްރާމްވެސް މިއަހަރު ފަށާނެ ކަމަށް ވަނީ ބުނެފައެވެ.

ގައުމީ އެއަރލައިން، މޯލްޑިވިއަނާާއި ޤައުމީ ޔުނިވަރސިޓީ ގުޅިގެން އުފައްދާފައިވާ މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އަކީ ދިވެހި ސަރުކާރުގެ ފުރިހަމަ ހިއްސާ އޮވެގެން ހިންގާ، އެކެޑަމީއެކެވެ. މޯލްޑިވިއަން އެވިއޭޝަން އެކަޑަމީ މެނޭޖްކުރަން ހަވާކުކޮށްފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑެމީއާއެވެ.

މިއީ ރާއްޖޭގައި ދިވެހި ކުންފުނިތަކަކުން ގާއިމުކޮށްގެން ހިންގާ ފުރަތަމަ ފްލައިން ސުކޫލެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.