ދ. ހުޅުދެލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 87 ޕަސެންޓް މަސައްކަތް ނިންމާލައިފި އެވެ.
މި މަސައްކަތް ކުރިއަށްގެންދަނީ، ރައްޔިތުންގެ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރަކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.
މަސްރޫއުގެ މަސައްކަތް ކުރިއަށްދާގޮތުގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކާއި ހިއްސާކުރަމުން އެމްޓީސީސީން ބުނީ، މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް މިހާރު ގެންދެވިފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 49،612 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ހަމަޖެހިފައިވެއެވެ. އޭގެއިތުރުން 337 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 252 މީޓަރު ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އަދި 1645 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 45.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.