މޯލްޑިވްސް ސްޓޭޓް ޝިޕިންއިން އިތުރު އާގުބޯޓެއް ގަންނަން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އެސްޓީއޯ ހެޑް އޮފީހުގެ ޓެރަސްގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތެއްގައި އެމްއެސްއެސް ގްރެފީން ގަތުމުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ. އަދި ބޯޓު ވިއްކި ޖަރުމަނުގެ ކެންޑްލާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޮނަސް ކެލާ އެވެ.

ގާތްގަނޑަކަށް 680 ކޮންޓެއިނަރު އުފުލޭ ވަރުގެ އެ ބޯޓު ދަތުރުކުރާނީ ރާއްޖެ އާއި ސިންގަޕޫރު އަދި މެލޭޝިޔާއަށެވެ.

އެމްއެސްއެސްގެ އަމިއްލަ ފުރަތަމަ ބޯޓު، “އެމްއެސްއެސް ގެލީނާ” ރާއްޖެ ގެނައީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަމުން އަންނަ އެ ބޯޓަކީވެސް 680 ކޮންޓެއިނަރު އުފުލޭ ވަރުގެ ބޯޓެކެވެ.

އެމްއެސްއެސް އިން ގަތް ދެވަނަ ބޯޓު، “އެމްއެސްއެސް ކްރޯމް” ރާއްޖެ ގެނައީ ހުސްވި ޖޫން މަހުގެ ތެރޭގަ އެވެ. އެ ބޯޓަކީ ރާއްޖޭގެ ޝިޕިން ތާރީހުގައި ގައުމީ ޝިޕިން ލައިނަކުން ގަނެގެން ގެނައި އެންމެ ބޮޑު ބޯޓެވެ. ސިންގަޕޫރުގެ ކޮސްކޯ ޝިޕިން ކުންފުނިން ގަނެގެން ގެނައި މި ބޯޓަކީ 43,000 ޓަނުގެ ބަލްކު ކެރިއަރެކެވެ.

2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭގައި ހިދުމަތްދޭން ފެށި މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. ބާކީ އޮތް 0.01 އިންސައްތައަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާއެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.