ފޮޓޯ: ދުވަސް

މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް އަތޮޅުތަކަށް މިއަދު އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މިއަދު ރާއްޖޭގެ އެކިހިސާބުތަކަށް މޫސުން ގޯސްވެ އުދަ އަރާފައިވާއިރު މުޅި ރާއްޖެއިން 218 އަށްވުރެ ގިނަ ގެއަށް ވަނީ އުދައިގެ އަސަރުކޮށްފައެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ހަތް އަތޮޅެއްގެ 19 ރަށަކަށް އުދަ އަރާފައިވާ ކަމަށެވެ. އުދައަރައިގެން މިހާތަނަށް ރިޕޯޓުކޮށްފައިވަނީ އދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅު އަދި އައްޑު ސިޓީން ކަމަށް އެންޑީއެމްއޭ އިން މައުލޫމާތުދެއެވެ.

އެންޑީއެމްއޭއިން ބުނީ ތ.އަތޮޅުގެ އަށް ރަށަކަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށާ އެ އަރޮޅު ކިނބިދޫގެ 8 ގެއަކަށް ފެންވަދެ އެކިވަރު ގެއްލުން ލިބިފައިވާ ކަމަށެވެ. ގާދިއްފުށީގެ 35 ގެއަކަށް ލޮނުވަދެ އެކިވަރުގެ ގެއްލުންވެފައިވާއިރު ދިޔަމިގިލީގެ 5 ގެއަކަށާއި ވޭމަންޑޫގެ 10 ގެއެއްގެ އިތުރުން އޮމަދޫގެ 15 ގެއަކަށް ވަނީ ލޮނުވަދެ އެކިވަރުގެ ގެއްލުންވެފައެވެ.

ފޮޓޯ: ދުވަސް

އެންޑީއެމްއޭއިން ބުނީ ތިމަރަފުށްޓާ ގުރައިދޫއަށް އުދައެރިނަމަވެސް ގެތަކަށް އޭގެ އަސަރުކޮށްފައިނުވާ ކަމަށެވެ.

ލ. އަތޮޅުން މިއަދު އުދައިގެ އަސަރު ކުރީ އެއަތޮޅު މާވަށަށް އެކަންޏެވެ. މާވަށުގެ 4 ގެއަކަށް ލޮނުވަދެ އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ.

ގއ. އަތޮޅުން އުދައިގެ އަސަރުކުރީ ކޮލަމާފުށްޓާ މާމެންދޫއަށް ނަމަވެސް ގެތަކަށް އޭގެ އަސަރެއް ނުކުރެއެވެ.

އެންޑީއެމްއޭއިން ބުނީ ގދ. އަތޮޅުގެ 5 ރަށަކަށް މިއަދު ވަރަށް ބޮޑަށް އުދައަރާފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ރާއްޖެއިން އުދައަރައި ގެންލުންތައް ލިބިފައިވަނީ އެއަތޮޅު މަޑަވެއްޔަށެވެ. މަޑަވެލީގެ 98 އިންސައްތަ ގެއަށް އުދައަރައި ލޮނުގެ އަސަރުކޮށް ގެއްލުންތައް ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

ފަރެސްމާތޮޑާއަށް އުދައަރައި އެއްގެއަށް ގެއްކުން ލިޕބިފައިވާ އިރު އެއަތޮޅު ހޯނޑެއްދޫ އާއި ރަތަފަންދޫގެ އިތުރުން ފިޔޯރީއަށްވެސް އުދައަރައި އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

ފޮޓޯ: ޒީޓައިމްސް

އެންޑީއެމްއޭއިން ބުނީ އައްޑޫ ސިޓީގެ އެކި ރަށްތަކަށް ވެސް މިއަދު އުދައަރައި އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެގޮތުން މަރަދޫގެ 50 ގެއަކައަށް ލޮނު ވަދެ ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު 2 ގެއެއްގެ މީހުން އެހެން ގެތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މަރަދޫ ފޭދޫގެ 30 ގެއަކަށް ލޮނުވަދެ ގެއްލުންވެފައިވާ ކަމަށްވެސް އެއޮތޯރިޓީން މައުލޫމާތުދެއެވެ.

މީގެއިތުރުން ޅ. އަތޮލު ކުރެއްންދޫއަށް ވެސް ވަނީ އުދައަރާފައެވެ. އަދި އެއަތޮޅު ނައިފަރަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން ފެންހިންދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

އެންޑީއެމްއޭއިން ބުނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާ ގެއްލުންތަކެއް ލިބެމުންދާކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބުމާއިއެކު، މި ސަރަހައްދުތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *