ވެމްކޯއިން މާލެ ސަރަހައްދުން ކުނި ނަގާއިރު ގޭގެއިން ވަކިކޮށްފައި ހުންނަ ކުނިތައް އެއްކޮށްލާކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތައް އެންވަޔަރަމެންޓް މިނިސްޓްރީ އާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ދޮގިކޮށްފިއެވެ.
ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެރެމުންދަނީ ވަކިކޮށްގެންނެވެ. މިގޮތަށް އަމަލުކުރަމުންދާއިރު، މޭޔަރު ވަނީ ވެމްކޯގެ މުވައްޒަފުން ކުނި އެއްކޮށްގެން ގޮސް، ލޮރީއަށް ކުނި އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ޓްވީޓުކުރައްވާފައެވެ.
މި ޓްވީޓާއެކު މުއިއްޒު ވިދާޅުވީ ކުނި ވަކިކޮށްގެން ނެރެން ރައްޔިތުންނަށް މަޖުބޫރު ކުރުވުމަށް ފަހު ވަކިކުރި ކުނި އަޅާލަނީ ކުރިންވެސް އެޅި ލޮރީއަށް އެއްކޮށް ކަމަށެވެ. އަދި މިއީ ބޮޑު އޮޅުވާލުމެއް ކަމަށާ މިއީ އެއްވެސް ޒިއްމާދާރުކަމެއްނެތި ކުރާ ކަމެއްކަމަކަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ކުނި ވަކިކޮށްގެން ނެރެން ރައްޔިތުންނަށް މަޖުބޫރު ކުރުވީމާ،އެއްގޮތަކަށްވެސް ހީނުކުރަން މީ ބޮޑު އޮޅުވާލުމެއްކަމަކަށް. އެއްވެސް ޒިއްމާދާރުކަމެއްނެތި ކުރާ ކަމެއްކަމަކަށް.ވަކިކުރި ކުނި އަޅާލަނީ ކުރިންވެސް އެޅި ލޮރީއަށް،އެއްކޮށް. މިހެން ނުހެއްދެވުމަށް ވެމްކޯ އަށާއި ސަރުކާރަށް ގޮވާލަން pic.twitter.com/fbCJAI7WEK
— Dr Mohamed Muizzu (@MMuizzu) June 30, 2022
މުއިއްޒުގެ މި ޓްވީޓަށް މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ އާންމުކޮށްފައިވާ ވީޑިއޯއިން ހުރިހާ ކުންޏެއް އެއްކޮށްލާތަން ނުފެންނަ ކަމަށާ ކަމެއް ގޯސްކޮށް ދާނަމަ އެކަމުގައި ޕްރޮފެޝަނަލް ގޮތެއް އަދި އިޚްލާސްތެރި ނިޔަތެއް އޮތްނަމަ އެކަން ކުރާނީ ރަސްމީ މުވާމަލާތެއްގެ ތެރެއިން ކަމަށެވެ.
މި ޓްވީޓަށް ރައްދު ދެއްވާ އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ކުނި ވަކިކޮށްގެން ކޮމްޕެކްޓަރަށް އަޅަމުން ދިޔަ މަންޒަރު ބުރާސްފަތި ދުވަހުގެ ރޭވެސް ފެނިވަޑައިގެންނެވި ކަމަށެވެ.
މުއިއްޒުގެ މި ޓްވީޓަށް ގިނަ ބަޔަކު ނުރުހުންފާޅުކޮށްފައިވާއިރު މާލޭގައި ކުނި ވަކިކުރަންޖެހޭ ގޮތަށް އަމަލުކުރަން ފެށި އިރު އެކަމާ ދަތިތައް ކުރިމަތިވާ ކަމަށް ބުނަމުންދިޔައެވެ. އެހެންނަމަވެސް މިހާރު ރައްޔިތުން ވަނީ މިކަމަށް އާދަވެފައެވެ.
ވެމްކޯއިން ވެސް ވަނީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަވައިދާ އެއްގޮތަށް ކުނި ވަކި ކޮށްފައި ހުންނަކަން ފާހަގަކޮށްފައެވެ.