ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިމަތިލެއްވުން އެއީ އެމްޑީޕީއަށް ރަނގަޅުގޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީން ވެރިކަން ބޭނުންނަމަ އެމަނިކުފާނަކީ 'ޗޮއިސްއެއް' ކަމަށެވެ. އަދި އެމަނިކުފާނާއެކު އެމްޑީޕީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނިކުމެއްޖެނަމަ، އިންތިހާބު ކާމިޔާބުކުރެއްވޭނެކަން ޔަޤީންވާކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވަނީ އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީން ރިޔާސީ ޕްރައިމަރީއެއް ބާއްވާނަމަ، އެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފަ އެވެ. އަދި ރައީސް ނަޝީދުވެސް ވަނީ އެމަނިކުފާނު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދާ "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި އަމާޒުކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދަޅުވީ، އެމަނިކުފާނު ދެކިވަޑައިގަންނަވާގޮތުގައި ރައީސް ސޯލިހް ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް ރަނގަޅުގޮތެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނީ، އިންތިހާބު ކާމިޔާބުކުރުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް ކުރިމަތި ލެއްވުން އެއީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން.
ރައީސް ނަޝީދު ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ރިޔާސީ ޓިކެޓް ރައީސް ސޯލިހްއަށް އެރުވުމަށް ކުރެވުނު މަޝްވަރާތަކުގެ ވާހަކަވެސް ޕްރޮގްރާމްގައި ފާހަގަކުރައްވާފަ އެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މިހާރުގެ ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދުވެސް، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް އެދިވަޑައިގެންނެވިކަމަށެވެ. ނަމަވެސް ރައީސް ސޯލިހްއަށް ރިޔާސީ ޓިކެޓު އެރުވުމަށް، ޝާހިދު އަރިހުގައި ދެންނެވީ ސީދާ އެމަނިކުފާނުކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވިގޮތުގައި ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދަކީވެސް ވެރިކަން ކުރެއްވުމުގެ ޤާބިލްކަން ލިބިވަޑައިގެން ހުންނެވި ހިންގުންތެރި ބޭފުޅެކެވެ. އެއަށްފަހުގައި ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ތިން ވަނަ ކެނޑިޑޭޓެއް ނެރުމުގެ ސުވާލު ޕާޓީގެ މެމްބަރުން ކުރައްވާކަމަށް ވިދާޅުވެފަ އެވެ.
ދެން މި ކުރިއަށް އޮތް ތަނުގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީން ނިކުންނާނީ ތިން ވަނަ ބޭފުޅެއްތޯ އެ ސުވާލު އެމްޑީޕީ ހުރިހާ މެންބަރުން ވެސް ކުރައްވާނެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނީ، ކޯލިޝަންއާއެކުގައި ނިކުންނަވާކަމަށް ރައީސް ސޯލިހް ވިދާޅުވި ވިދާޅުވުމަށްވެސް ރައީސް ނަޝީދު ވަނީ ރައްދުދެއްވާފަ އެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ކޯލިޝަން ސަރުކާރެއް އެކުލަވާލުމަކީ ރިޔާސީ ނިޒާމްގެ ސިފައެއް ނޫންކަމަށެވެ. އަދި އެއީ ބަރުލަމާނީ ނިޒާމްގެ ސިފައެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.