ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އަހުމަތު ތަސްމީން އަލީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.
ސިންގަޕޫރްގައި ހުންނަވާ ސަފީރުކަމަށް ތަސްމީން އައްޔަންކުރުމަށް ރުހުންދިނުމަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. ތަސްމީނަށް ރުހުން އޮތްކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުން ވޯޓު ދެއްވި އެވެ.
ސަފީރުކަމަށް ތަސްމީން އައްޔަންކުރަން، މަޖިލީހުގެ ރުހުން ހޯދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވެވުމުން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމެޓީންވެސް ވަނީ ތަސްމީނަށް ރުހުން އޮތްކަމަށް ފާސްކޮށަފަ އެވެ.
ތަސްމީން މީގެކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި، ރައީސް މައުމޫން އަބްދުއްޤައްޔޫމް އުފެއްދެވި އެމަނިކުފާނުގެ ފުރަތަމަ ސިޔާސީ ޕާޓީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރުކަން ކުރައްވާފަ އެވެ. އޭގެއިތުރުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫންގެ ރަނިންގމޭޓެއްގެ ގޮތުގައި އިންތިހާބަށް ނިކުންނެވި ތަސްމީން، ފަހުން ގުޅިވަޑައިގެންނެވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއެވެ.
ތަސްމީނަކީ، މެލޭޝިޔާގައި ހުންނަވާ ދިވެހި ސަފީރުކަމުން އިސްތިއުފަދެއްވި ވިސާމް އަލީގެ ފިރިކަލުންނެވެ.