ރައީސް މުހައްމަދު ނަޝީދު.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ބަދަލު ގެނައުމުގެ ވަގުތުފާއިތުވެއްޖެކަމަށް ވިދާޅުވެ، ބިލަށް ބަދަލުތައް ގެނެވެން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހެއްކާއި ބެހޭ ބިލްގައި ނޫސްވެރިން ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރަނީ، ގާނޫނުއަސާސީން ނޫސްވެރިންނަށް ދީފައިވާ މަސްދަރު ރައްކާތެރިކުރުމުގެ ހައްގު ހަނިކުރެވޭގޮތަށް ހިމަނާފައިވާ މާއްދާ އެވެ. ބިލް މިހާރު އޮތްގޮތުން ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ލިބެ އެވެ.

ބިލްގައި ވަނީ އެއީ ކޮން ހާލަތްތަކެއްކަންވެސް ފާހަގަކޮށްފަ އެވެ. އެގޮތުން ނޫސްވެރިންގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ލިބިދެނީ ޓެރަރިޒަމް އާއި ޤައުމީ ސަލާމަތާއި ގުޅުންހުރި މައްސަލަތަކުގަ އެވެ.

ހެއްކާއި ބެހޭ ބިލްގައި ނޫސްވެރިންގެ ހުރި އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދިނުމަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި ނޫސްވެރިން މިއަދު ވަނީ އިހްތިޖާޖްކޮށްފަ އެވެ. އެ އިހުތިޖާޖްގައި ނޫސްވެރިން ގޮވާލައިފައިވަނީ ބިލް މިހާރު އޮތްގޮތަށް، ފާސްނުކޮށް، ބިލް ފާސްކުރުން ފަސްކުރުމަށެވެ.

ނޫސްވެރިންގެ އިހްތިޖާޖް ކުރިއަށްދަނިކޮށް، ނޫސްވެރިންގެ ތެރެއަށް ނިކުންނަވާ ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ބިލްގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ސިއްރުން ނޫންކަމަށެވެ. އެގޮތުން ބިލްގެ މަސައްކަތްތައް އެކި މަރުހަލާތަކުގައި ކުރިއަށްދިޔައިރު، ނޫސްވެރިންގެ އެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް ނޫސްވެރިންނަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަމާލުކަމަށް ވަގުތު އޮއްވާ ގެނެވުނުނަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫސްވެރިންގެ އަޑު އައްސަވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

މިތާނގައި އަޅުގަނޑުމެންނަށް ގަވައިދާ ހިލާފެއް ނުވެވޭނެ. އިއްޔެ ބާރައަށް ވަގުތު އޮތީ.

ރައީސް ނަޝީދު ވިދާޅުވީ، ބިލްގެ މަސައްކަތް މިހާރު އޮތް ހިސާބުން ދެން އޮތް ހައްލަކީ، ބިލް ފާސްވުމުން، އިތުރު އިސްލާހެއް ބިލަށް ހުށަހެޅުންކަމަށެވެ. އެއަށްފަހު ރައީސް ނަޝީދު ވަނީ ހެއްކާއި ބެހޭ ބިލްއަކީ ވަރަށް ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވާ، މަސައްކަތް ނިންމާލެވުނީ ހަތްވަރަކަށް މަސް ދުވަހުންކަމަށް ވިދަޅުވެފަ އެވެ.

ދެން އަޅުގަނޑު ހިތަށް އަރަނީ މިހާރު ކުރެވެން އޮންނާނެގޮތަކީ މިކަން މިގޮތަށް ގެންގޮސްފަ (ބިލް ފާސްކޮށްފަ) ތިބޭފުޅުންގެ އިސްލާހެއް އަލުން ގެނައުންހެން.

ރައީސް ނަޝީދު ވަނީ ބިލަށް ފޯކަސްކުރައްވައިގެން ނޫސްވެރިން މަސައްކަތްކުރިނަމަ، މިކަން މިގޮތަށް ނުހިނގީސްކަމަށް ވިދާޅުވެ، ބިލްގައި ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވުނީ ނޫސްވެރިންނަށްކަމަށް ވިދާޅުވެފަ އެވެ. އަދި ނޫސްވެރިން ވަގުތު އޮއްވާ މަސައްކަތްކުރިނަމަ، މަޖިލީސް އޮތީސް އެކަމުގައި ނޫސްވެރިންނަށް އެއްބާރުލުން ދިނުމަށް ތައްޔާރަށްކަމަށް ވިދާޅުވެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.