ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރުކުރި ދެ ޝެއިހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެ މައްސަލައިގެ ހައްޔަރުގައި ތިބި މީހުންގެ ތެރޭގައި ހިމެނޭ ދެ ޝެއިހުންނަކީ، އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް އާއި އައްޝައިހް ފަޒްލޫން މުހައްމަދު އެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭގަ އެވެ.

އެ ދެ މީހުން ހައްޔަރުކޮށް، ކޯޓަށް ހާޒިރުކުރުމުން ބަންދަށް ޖަހައިފައިވަނީ 7 ދުވަސް އެވެ.

އެ މުއްދަތު ހަމަވުމުން، މުއްދަތު އިތުރުކުރަން ދެ ޝެއިހުން ހާޒިރުކޮށްފައިވަނީ މިއަދު އެވެ. މުއްދަތު މަޖިލީހުގައި ފުލުހުންގެ ފަރާތުން އެދުނީ، އެ ދެ މީހުންވެސް ބަންދުގައި ބަހައްޓައިދިނުމުގެ އަމުރަކަށެވެ. ނަމަވެސް، ދިފާއީ ވަކީލުން ވަނީ ހަމަނުޖެހުމާއި، އެ ދެ ޝެއިހުންނާއި ގުޅުމެއް ނެތްކަމަށް ބުނެފަ އެވެ.

އޭގެތެރެއިން ފަޒްލޫންގެ ބަންދަށް ކޯޓުން އިތުރުކޮށްފައިވަނީ، އިތުރު ހަތް ދުވަސް އެވެ. އަދި އާދަމް ނިޝާންގެ ބަންދަށް އިތުރުކޮށްފައިވަނީ ތިން ދުވަސް އެވެ.

ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލާގައި ދެ ޝެއިހުން ހައްޔަރުކުރުމާއެކު، އިސްލާމިކް މިނިސްޓްރީން ވަނީ ދެ ޝެއިހުންނަށް ދީފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދަވެސް ބާތިލްކޮށްފަ އެވެ.

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ފުލުހުން މިހާތަނަށް ވަނީ 21 މީހަކު ހައްޔަރުކޮށްފަ އެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤްކުރަމުން އަންނައިރު، އެ ހަމަނުޖެހުން ހުއްޓުވުމުގައި ފުލުހުންގެ ތެރެއިން އޮފިސަރުންތަކެއް އަމަލުކުރިގޮތްވެސް އަންނަނީ އެ ހިދުމަތުން ތަހުޤީޤް ކުރަމުންނެވެ. އަދި އެ މައްސަލަ ތަހުޤީޤްކުރުމަށް ވަޒީރުންގެ މަޖިލީހުގެ ހާއްސަ ކޮމެޓީއެއްވެސް ވަނީ އެކުލަވާލައިފަ އެވެ.

ޔޯގާ ހަމަނުޖެހުން: އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ޔޯގާ ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން އަދި އިންޑިއަން ކަލްޗަރަލް ސެންޓަރުން އިންތިޒާމު ކުރި މި އިވެންޓް އެންމެ ފުރަތަމަ ބާއްވަން އުޅުނީ ރަސްފަންނުގަ އެވެ. އެކަމަކު އާންމުންގެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ބުނެ ރަސްފަންނުގައި މި އިވެންޓް ބާއްވަން މާލެ ސިޓީ ކައުންސިލުން ހުއްދައެއް ނުދިނެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ފާހަގަކުރަމުން އަންނައިރު، މިހާތަނަށް މިފަދަ އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާކަން ފާހަގަކުރެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.