ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله

މުޖުތަމައުގައި ހުންނަ ބޮޑަތި މައްސަލަތައް ހައްލުކުރެވޭނީ އެކަން ހައްލުކުރުމަށް ވަށާޖެހިފައިވާ ފުރިހަމަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލެވި، އެއްވެސް ފުށުއެރުމެއް ނުވާގޮތުގައި އެންމެ ރަނގަޅަށް އެޤާނޫނު ތަންފީޒުކުރެވިގެންކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޔުނިސެފާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު "ޕޮލިސް ކޮންފަރެންސް އޮން ވައޮލެންސް އެގެއިންސްޓް ޗިލްޑްރަން, ޕްރެވެންޝަން އެންޑް އިންވެސްޓިގޭޝަން" ގެ ނަމުގައި ފެށި ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ. ކޮންފަރެންސް ފެށުމުގެ ރައްސިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ޤާނޫނު ފުރިހަމައަށް ތަންފީޒުކުރުމަށްފަހު އެމީހުން އަނބުރާ މުޖުތަމައުއަށް ގެނެވޭފަދަ ހަރުދަނާ ރިހިބިލިޓޭޝަން ނިޒާމެއް ޤާއިމްކުރަންޖެހޭކަމަށެވެ.

އެމަސައްކަތް ސަރުކާރުން ކުރައްވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރުން އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވިކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު ކުޑަކުދިންގެ ހައްޤުތަކުގެ ޤާނޫނު ވުޖޫދުކުރެވުނުކަމަށާއި, އަދި ކުޑަކުދިންގެ އަދުލުގެ ޤާނޫނު ވުޖޫދުކުރެވިގެންދިޔަކަން ފާހަގަކުރެއްވިއެވެ. 2020 ވަނަ އަހަރު ފުލުހުންގެ ޤާނޫނު ވުޖޫދުވެގެންދިޔަކަންވެސް ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިޤާނޫނުތަކުން އަޅުގަނޑުމެންނަށް މަގުފަހިކޮށްދެނީ އެމަގަށްކަމަށެވެ.

މިއަދު އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އެއީކަމަށާއި, ފުލުހުންގެ ޤާނޫނުގެ ދަށުން ހޯމް މިނިސްޓަރާ މަތިކޮށްފައިވާ ފުލުހުންގެ ސްޓްރެޖިކް ޕޮލިސިންގ ރިކްއަރމަންޓް ކަނޑައެޅުމުގެ ތެރެއިންވެސް އިސްކަންދެއްވީ އެފަދަ މައްސަލަތައް ހައްލުކުރެއްވުމަށްކަމަށް ވިދާޅުވިއެވެ. އެގޮތުން ސްޓްރެޖިކް ޕޮލިސިންގ ރިކްއަރމަންޓްގެ ތެރެއިން ޚާއްޞަ 12 ކަމަކަށް އިސްކަމެއްދީގެން މަސައްކަތްކުރެވުނުކަން ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި މުޖުތަމައުގައި އެކިގޮތްގޮތުން ހަވާސްވެފައިވާ އަންހެނުންނާއި ކުޑަކުދިންނާއި, ޒުވާނުންނަށް ދިމާވާ މައްސަލަތަކަށް އިސްކަމެއް ދީގެން އެކަންކަން ބަލާ, އެކަންކަމުން އަރައިގަތުމަށް މަގުފަހިވާނެގޮތަށް ފުލުހުންގެ މަސައްކަތް ބައްޓަންކުރުމަށް އިރުޝާދުދެއްވިކަމަށް ވިދާޅުވިއެވެ. ދިވެހިރާއްޖޭގައި އުފެދިގެން އަންނަ ޒުވާން ޖީލަށް ދިމާވާ މައްސަލަތައް އެކަށީގެންވާ ހައްލެއް ހޯދުމަށް ދިމާވެފައިވާ ގޮންޖެހުންތަކަކީ ޒަމާންތަކަކަށް އަޅުގަނޑުމެންގެ ތެރޭގައި އޮތް މައްސަލައެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވަކިން ޚާއްސަކޮށް ހަވާސާވެފައިވާ އަންހެނުންނާއި ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅި ކުށުގެ ސަބަބުން މެދުވެރިވާ އަނިޔާތަކާއި ގެއްލުންތަކުން އަރައިނުގަނެވި, އެކަމުގެ ތަހައްމަލުކުރުން އެއީ އަޅުގަނޑުމެންގެ މުޅި މުސްތަޤްބަލް ދުވަސްތަކަކަށް ބަނަވުމަށް މެދުވެރިވާ ސަބަބެއްކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުޑަކުދިންނަށް ކުރެވޭ އަނިޔާތަކަށް އެންމެ ރަނގަޅުގޮތުގައި އަވަސް ތަހުޤީޤެއް ކުރެވިގެންދިއުން އެއީ ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް އުއްމީދުކަމަށެވެ. ޚާއްޞަކޮށް ކުޑަކުއްޖަކަށް ބޮޑުގެއްލުމެއް ލިބިއްޖެނަމަ އަޅުގަނޑުމެންގެ މުޖުތަމައުން އެކަމާ ކަންބޮޑުވާ މިންވަރު އެކަމުގެ ސަބަބުން ހުންނަ ހުރިހާ އުދާސްތައް އެންމެ ބޮޑަށް ތަހައްމަލުކުރަންޖެހޭކަމަކީ ދިވެހިފުލުހުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ތެރެއިން ތަހުޤީޤުކުރެވިގެންދިއުމަށްފަހު ޕްރޮސެކިއުޓިންގ ސްޓޭޖްގައި ދިމާވާ ކަންކަމާއި, ކޯޓްތަކުގެ ތެރެއިން ދިމާވާ ކަންކަމުގެ ސަބަބުން އެމެދުވެރިވެގެންދާގޮތުން އަޅުގަނޑުމެން ދިވެހިންގެ ކަންބޮޑުވުން އިންތިހާއަށްގޮސްފައިވޭ. މިފަދަ ކޮންފަރެންސްއަކީ އެކަންކަމަށް ހައްލެއް ހޯދުމަށް ވަރަށް މުހިއްމު ކަމެއް. އެންމެން އެކުގައިތިބެ މަޝްވަރާކޮށްގެން މިކަންކަމަށް ރަނގަޅު ނަތީޖާއެއް ގެނެސްދިނުމަކީ ކޮންމެހެން މުހިއްމުކަމެއް."

މިނިސްޓަރ ވިދާޅުވީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކަށް ބަލަން ނުތިބެ, ނުވަތަ މަގުމަތީގައި އަޅުގަނޑުމެން މަސައްކަތްކުރަން ނުތިބެ ހޮޅުއަށިތަކާއި, ދޮރުއަށިތަކާއި, ކުޅިވަރު ދަނޑުތަކާ ހަމައަށް އަޅުގަނޑުމެން ދާންއެބަޖެހޭކަމަށެވެ. ކަންކަން ކައިރިން ދެނެގަނެ ކަންކަން ހިނގުމުގެ ކުރިން, މައްސަލަތައް މެދުވެރިވުމުގެ ކުރިން, އެކަންކަން ދިމާވެދާނެ ސަބަބުތަކާއި, މަގުތައް ދެނަގަނެ އެކަންކަން ހުއްޓުވަން މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކޮންފަރެންސަކީ އިރާދަކުރެއްވިއްޔާ އެއަށް އަޅުގަނޑުމެންނަށް މަގުދައްކައިދޭނެ ކޮންފަރެންސެއް."

ރާއްޖޭގެ މިއަދުގެ ހާލަތުގައި ކުޑަކުދިންނާއި, އަންހެނުންގެ މައްސަލަތަކަކީ އެންމެ ސީރިއަސް މައްސަލަތައްކަމުގައި ބަލައިގެން އެކަމުން އަރައިގަތުމަކީ ވިލުންވެރި މުޖުތަމައުއެއް ބިނާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކަމުގެ އިހުސާސް އަޅުގަނޑުމެން އެންމެންގެ ކިބައިގައި ވަރަށްބޮޑަށް އޮންނަންޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެކަމަށް ވަރަށް ޝައުޤުވެރިވެ, ކޮންފަރެންސްގެ މަޝްވަރާތަކުގައި އެންމެންގެ ބައިވެރިވުން އޮވެގެން ރަނގަޅު ނަތީޖާއެއް ހިފައިގެން ނިކުތުމަށް އެދިވަޑައިގަންނަވާކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.