ޔޯގާގެ މައްސަލައިގައި ހިނގާދިޔަ ކަންކަމަކީ ބަޔަކު ރާވައިގެން ވެރިކަމަށް އައުމުގެ ބޭނުމުގައި ހިންގާފައިވާ ކަމެއްކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ ޔޯގާގެ މައްސަލައަކީ ސީދާ ސިޔާސީ ބޭނުމެއްގައި ވެރިކަން ހޯދުމަށް ބަޔަކު ދައްކާ ވާހަކަތަކެއް ކަމަށެވެ.
ޔޯގާ ދުވަހަކީ 2014 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެއްކަން ވެސް މަހުލޫފް ފާހަގަ ކުރެއްވިއެވެ. އަދި މި މައްސަލައަކީ ސިޔާސީ ބޭނުމެއްގައި އޮޅުވާލައިގެން ބަޔަކަށް ގެއްލުންދޭން ރާވަމުން އަންނަ ކަމެއް ކަމަށެވެ.
މިއީ 2014 އިން ފެށިގެން ފާހަގަކުރަމުން އައި ދުވަހެއްކަން ފާހަގަކުރައްވާ މަހްލޫފް ވިދާޅުވީ މީގެ ކުރިން ނުކުރާ އައުކަމެއް މިއަހަރުވެސް ނުކުރާ ކަމަށެވެ.
މަހުލޫފް ވިދާޅުވީ ޔޯގާ އާއި މިއުޒިކް އަދި ދެންވެސް ހުރި ކަމެއްގައި ހަރާމް ތޯ ހަލާލްތޯ ސާފުކޮށް ބަޔާން ކުރުމުން އެކަމާ ނޫޅޭނެ ކަމަށެވެ.
މިއީ ވަކި ސިޔާސީ ބޭނުމެއްގައި ކަނޑައެޅިގެން ބަޔަކަށް އޮޅުވާލައިގެން ގެއްލުންދޭ އުސޫލުން ރާވަމުން އަންނަ ކަމެއް. އަޅުގަނޑު ވަރަށް ސާފުކޮށް ބުނަން ބޭނުންވަނީ، ޔޯގާ އާއި މިއުޒިކާއި، ދެން އޮތް ކަމަކާއި، ދެން އޮތްކަމަކާ، މިއީ ހަރާމްކަމެއްކަމަށް އަޅުގަނޑުމެން ކައިރީ ސާފުކޮށް ބުނީމަ އެކަމަކާ އަޅުގަނޑުމެން ނޫޅޭނަން."
އެ ދުވަހުގެ ސެކިއުރިޓީގެ ކަންކަމާ ގުޅޭގޮތުން މަހުލޫފް ވިދާޅުވީ، ޔޫތް މިނިސްޓްރީން އެއްވެސް ކަމެއް ހިންގާނަމަ އެކަމާ ގުޅިގެން ސެކިއުރިޓީ ބްރީފިންއެއް ބާއްވާނެ ކަމަށެވެ. އަދި އެ މީޓިންގައި ދައްކަންޖެހޭ ހުރިހާ ވާހަކައެއް މިނިސްޓްރީގެ ފަރާތުން ދައްކާފައިވާނެކަމަށް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ މިނިސްޓްރީން އެެއްވެސް އިވެންޓެއް ރާވާކަމަށް ވާ ނަމަ، ސެކިއުރިޓީއަށް އެދޭ ކޮންމެ އިވެންޓެއްގައި ވެސް ހަމަ ވަކިން ބްރީފިން މީޓީން އެއް ބާއްވާނެ އެހެންވީމާ އެ މީޓިން ގައި ހަމަ ދައްކަން ޖެހޭ ހުރިހާ ވާހަަކައެއް ހުންނާނީ ދައްކާފައި،"
ޔޯގާ އިވެންޓު ރޭވީ އިންޑިއަލް ކަލްޗަރަލް ސެންޓަރާއި ޔޫތު މިނިސްޓްރީ ގުޅިގެނެވެ. އެ އިވެންޓުގައި ރާއްޖޭގައި ތިއްބަވާ އެހެން ގައުމުތަކުގެ ސަފީރުންގެ ތެރެއިން ހަ ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި އެވެ.