މިދިޔަ ހަފްތާގައި ރާއްޖެއިން 1202 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކޮށްފިއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 19 ވަނަ ދުވަހާއި، 25 ވަނަ ދުވަހާ ދެމެދު މާލެ ސަރަހައްދުން 528 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަތޮޅުތެރޭން 452 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓުތަކާއި، ސަފާރީތައް އަދި ސިނާއީ ރަށްތަކުން 222 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
މި މުއްދަތުގައި ޓެސްޓުކުރި ސާމްޕަލްތަކުގެ ތެރެއިން 35 އިންސައްތަ ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ކުރީ ހަފްތާގައި އެ ރޭޓު ހުރީ 21 އިންސައްތައިގައެވެ.
ކޮވިޑްޖެހިގެން އެޑްމިޓްކުރަމުންދާ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި ބައްޔަށް ޕޮޒިޓިވްވެގެން 51 މީހަކުވަނީ އެޑްމިޓްކޮށްފައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 181586 އަރާފައެވެ.