ސްޓެލްކޯއިން ފެނުގެ ޚިދުމަތް ފޯރުކޮށްދޭ ކ.ގުޅިއަށް 65 ޓަނުގެ އާރް.އޯ ޕްލާންޓެއް ގެންގޮސްފިއެވެ.
ކ.ގުޅިއަށް ފެނާއި ނަރުދަމާގެ ޚިދުމަތްވެސް ފޯރުކޮށްދެނީ ސްޓެލޯގެ ފަރާތުންނެވެ.
ކ.ގުޅީގައި ޒަމާނީ ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކޮށް ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ.
ސްޓެލްކޯއިން މި ޚިދުމަތް ފެށީ 40 ޓަނުގެ 2 އާރްއޯ ޕްލާންޓާއެކުގައެވެ. އަދި ފެން ރައްކާކުރުމަށް 200 ޓަނުގެ 3 ތާންގީ ވަނީ ބަހައްޓާފައެވެ. އެހެންނަމަވެސް ރަށަށް ބޭނުންވާ މިންވަރަށް ފެން އުފެއްދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ ގުޅީގައި ދެމުންދާ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ނިންމާ ސްޓެލްކޯއިން މިހާރުވަނީ 65 ޓަނުގެ އާރްއޯ ޕްލާންޓެއް އެރަށަށް ފޮނުވާފައެވެ.
އަދި މި ފެށޭ ހަފްތާގެ ތެރޭގައި އައު ޕްލާންޓް ބަހައްޓައި، ބޭނުން ކުރަން ފެށުމާއެކު، ގުޅީގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު، ފުރިހަމަ ހިދުމަތެއް ދެވިގެންދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.