ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން އދ.މަހިބަދޫގައި ލައިސެންސް ނެތި އަދި ޗެނަލް ރައިޓްސްނެތި ރީބްރޯޑްކާސްޓުކުރުމުގެ ޚިދުމަތްދީފައިވާތީ އެކުންފުނި ޖޫރިމަނާކޮށް ރީބްރޯޑްކާސްޓުކުރުން ވަގުތުން ހުއްޓާލުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަންގައިފިއެވެ.
މިމައްސަލަ ބްރޯޑްކާސްޓިންގ ކޮމިޝަނުން ބަލާފައިވަނީ އެ ކޮމިޝަނަށް ލިބުނު ޝަކުވާއަކާއި ގުޅިގެންނެވެ.
ބްރޯޑްކޮމްއިން ބުނީ ސެޓްލިންކް ޕްރައިވެޓް ލިމިޓެޑަކީ އދ.މަހިބަދޫގައި ޚިދުމަތްދިނުމަށް "ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް" އެ ކޮމިޝަނުން ދޫކޮށްފައިވާ ފަރާތެއް ނޫންކަމަށެވެ. އެހެންނަމަވެސް ސެޓްލިންކުން ރީބްރޯޑްކާސްޓްކުރާކަމަށް ހުށަހެޅުނު މައްސަލަ ބެލުމަށްފަހު ބްރޯޑްކޮމް އިން ވަނީ އެކުންފުނިން ލައިސެންސް ނެތި ރީބްރޯޑްކާސްޓުކުރާކަން މައްސަލަ ބެލުމުން ސާބިތުވާކަމަށް ބުނެފައެވެ.
ބްރޯޑްކާސްޓިންގް ކޮމިޝަނުން ވަނީ މިއީ މިފަދަ ކުށެއް ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ކުރި ފުރަތަމަ ފަހަރު ކަމަށްވާތީ އެކުންފުނި މައްސަލަ ބަލަންފެށި ދުވަސްކަމުގައިވާ 2021 ސެޕްޓެމްބަރު 22 ވަނަދުވަހުން ފެށިގެން، ޚިދުމަތްދީފައިވާ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ މަގުން، ފާއިތުވި 251 ދުވަހަށް އެކުންފުނި 125،500 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ.
މިފައިސާ 30 ދުވަހުގެތެރޭގައި ދެއްކުމަށާއި އދ. މަހިބަދޫގައި އިންޓަރނެޓްގެ ޚިދުމަތާއެކު، ޗެނަލްތައް ހިމެނޭގޮތުން އެޕް ބޭނުންކޮށްގެން ސެޓްލިންކުން ދެމުންގެންދާ ރީބްރޯޑްކާސްޓް ކުރމުގެ ޚިދުމަތް ވަގުތުން ހުއްޓާލުމަށްވެސް ބްރޯޑްކާސްޓިންގ ކޮމިޝަނުންވަނީ އެކުންފުންޏަށް އަންގާފައެވެ. އަދި ލައިސަންސް ލިބިގެން ނޫނީ އެޚިދުމަތް އިތުރަށް ނުދިނުމަށްވެސް އެކޮމިޝަނުން ވަނީ ސެޓްލިންކަށް އަންގާފައެވެ.