ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުނިން މާލެއަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ފްލޯޓިން ސިޓީ އެއްބަސްވުމަށް ބައެއް ބަދަލުތައް ގެނެސް އާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބިލިއަން ޑޮލަރުގެ ފްލޯޓިން ސިޓީ މަޝްރޫޢާއެކު ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށް ރާއްޖެވަނީ އައިސްފައެވެ.
މިއީ ގާނޫނަށް އިސްލާހު ގެނައުމަށް ފަހު، ކުރިން ޓޫރިމަށް ދޫކޮށްފައިވާ އޮތް ތަނެއް އިންޓެގްރޭޓެޑް ޕްރޮޖެކްޓަކަށް ބަދަލުކުރި ފުރަތަމަ މަޝްރޫ އެވެ.
މާލޭން ފުރައިގެން ލޯންޗެއްގައި ގާތްގަނޑަކަށް 10 މިނެޓުން ދެވޭ ހިސާބުގައި، އާރަށް ކައިރީގައި އޮންނަ ފަޅެއްގައި ފްލޯޓިން ސިޓީ ތަރައްގީ ކުރުމަށް ސަރުކާރުން ޑަޗް ޑޮކްލޭންޑްސްއާ 2019ގައި ވެފައިވާ އެއްބަސްވުމަށް ބަދަލު ގެނެސް، އާ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރޭގައެވެ.
ޑަޗް ޑޮކްލޭންޑްސްއާ މި މަޝްރޫއު ހަވާލުކުރި މިއީ ދެވަނަ ފަހަރެވެ. މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާ އަދި ޑަޗް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޕޯލް ވޭންޑިކެޕް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވީ އެއްބަސްވުމަކީ އެ މަޝްރޫއު އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލްއަށް ކުރިއަށް ގެންދާ ގޮތަށް ބަދަލުކުރުމަށް ސޮއި ކުރެވުނު އެއްބަސްވުމެއް ކަމަށާއި އެ މަޝްރޫއު ހިންގަމުން އަންނަ މޮޑެލް ބަދަލުކުރުމަށް ޓްރާންސްފާ ފީއެއްގެ ގޮތުން އެއް މިލިއަން ޑޮލަރު ސަރުކާރަށް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެކަން އެ ގޮތަށް ނިންމަން ޖެހުނީ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓް ދެމެހެއްޓުމަށް ބޭނުންވާތީކަން މިނިސްޓަރު ވަނީ ފާހަގަކުރަށްވާފައެވެ.
ވަކިން ރިސޯޓެއް ޑިވެލޮޕްކުރަން އިން ތަނެއްގައި މިހާރު އެ ބޭފުޅުންނަށް މަލްޓި ފެސިލިޓީ ޑިވެލޮޕްކުރެވޭނެ. ދެން ގަވައިދުގައި އިންނަ ގޮތުން މަދުވެގެން ދެ ޕާޓީ އަންނަން ޖެހޭނެ އެ ތަނަށް. ދެ ޕްރޮޕަޓީ އަންނަން ޖެހޭނެ. އެހެންވެ އަނެއްހެން ލީޒް އެގްރީމެންޓަކަށް ބަދަލު ގެނައީކީ ނޫން، ޑިވެލޮޕްކުރާ މޮޑެލްއަށް ބަދަލެއް މި ގެނައީ،"
ރާއްޖޭގައި ފްލޯޓިން ސިޓީ ތަރައްޤީކުރުމުގެ މަސައްކަތްކުރާ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްގެ ސީއީއޯ ޕޯލް ވޭންޑިކޭމްވަނީ މިއީ ހަގީގަތެއްކަން އާއްމުނަށް އަންނަ ސްކޫލް ބަންދުގައި ދައްކާލާނެ ކަމަށް ވިދާޅުވެފައެވެ. ޕޯލް ވިދާޅުވީ މިހާރު ފްލޯޓިންގ ސިޓީގެ ސްޓްރަކްޗަރގެ ގިނަ މަސައްކަތްތައް ތިލަފުށީގައި ނިންމާފައިވާކަމަށެވެ. އަދި އާރަށް ކައިރީގައި އޮތް "ލެގޫން 7"ގައި އެސެމްބަލް ނުވަތަ އަތުރާލުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ.
ވިހިހާސް މީހުންގެ އާބާދީއަކަށް ފްލޯޓިން ސިޓީ ތަރައްޤީކުރާއިރު މިތަނުގައި އަޅަނީ 5000 ހައުސިންގ ޔުނިޓެވެ. މާލެއިން ފުރައިގެން 10 ވަރަކަށް މިނިޓުން ދެވޭ ފްލޯޓިން ސިޓީއަކީ ދުނިޔޭގެ އެންމެ ފެހި ސިޓީއަށް ހެދުމަށް އަދި ތިމާވެއްޓާ އެންމެ ރައްޓެހި ތަނަކަށް ހެދުމަކީވެސް ޑަޗް ޑޮކްލޭންޑްގެ އަމާޒެކެވެ. އަދި މިމަސައްކަތް 3 އަހަރުގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.
ފްލޯޓިން ސިޓީ ގާއިމްކުރުމުގެ އެ މަޝްރޫއަކީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ނިންމި މަޝްރޫއެެކެެވެ. މިފަހުން އަނެއްކާ ވެސް އެމްޑީޕީގެ ސަރުކާރެއް އުފެދުމަށް ފަހު ފްލޯޓިން ސިޓީ ހެދުމަށް އަލުން ސޮއިކުރީ 9 މޭ 2019ގަ އެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް މިއަހަރުގެ ފެބްރުވަރީ މަހުގެ ނުވަވަނަ ދުވަހު މިކަމާ ގުޅޭ އެއްބަސްވުމުގައި ޑަޗް ޑޮކްލޭންޑް ކުންފުންޏާއި ބައިސަން މޯލްޑިވްސްއާ ދެމެދު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.