އެޓާރނީ ޖެނެރަލް އިބްރާހިމް ރިއްފަތު -- ފޮޓޯ: ސަން

ދިވެހިރާއްޖޭގެ ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ރާއްޖޭގެ ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަމަންއަމާންކަމާއި، ރައްކާތެރިކަމާއި، އަހުލާގީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުން ވަކި ކުށެއްގެ ގޮތުގައި ހިމެނުން ކަމަށެވެ. އަދި މި ކުށުގެ ތެރޭގައި ބެލެވޭނެ އަމަލުތައް ވެސް ބިލުގައި ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށް އޭޖީ އޮފީހުން ބުނެފައިވެ އެވެ.

ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށައަޅާ މައިގަނޑު ކަންތައްތައްތައް:

  • އެހެން ޤައުމެއްގެ ދިދައަށް ޤައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލުގެނައުން.
  • އެހެން ޤައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމުގެ ގޮވާލުން.
  • އެހެން ޤައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން.
  • އެހެން ޤައުމެއްގެ ރައްޔިތަކަށް ވީތީ، ދިވެހިރާއްޖެ ދޫކޯށްދިނުމަށް ގޮވާލުން.

ރާއްޖޭގެ ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ޤާނޫނުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމާފައި މިވަނީ އިދިކޮޅުން އިސްނަގައިގެން އިންޑިއާ އާއި ދެކޮޅަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ނުރައްކާއޮތް އަދި ރާއްޖޭއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާއި ޚިލާފު ޢަމަލެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނިކޮށެވެ.

އެ ގަރާރުގައި ވަނީ އިންޑިއާއާމެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަން ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅާފައިވާކަން ފާހަގަކޮށްފައެވެ.

ގަރާރުގައި ރައީސް ސޯލިހް ވިދާޅުވީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ދެވޭނެ އެންމެ ފުޅާމިނެއްގައި ޖާގަދިނުން ކަމަށެވެ. އަދި ދިމިގްރާތީ މުޖުތަމައުތަކުގައި އަމަލުކުރަމުންދާ އަސާސްތައް ދެމެހެއްޓުން ކަމަށެވެ. ނަމަވެސް އެ މިނިވަންކަމުގެ ނާޖައިޒު ފައިދާ ނަގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.