ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ބަޔަކު މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން ޖަޒީރާ އަށް ވަނީ ކަށަވަރުވެފައެވެ.
މަހްލޫފަށް އިންޒާރު ދީފައި މިވަނީ ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ ހަރަކާތުގެ ތެރެއަށް ބަޔަކު ގަދަކަމުން ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގަ ބަޔަކު ހައްޔަރުކޮށްފައިވާ ވަގުތެއްގައެވެ.
މަހުލޫފް ވަނީ މީހަކު އިންޒާރުދީ އޭނަގެ ކުރީގެ ނަމްބަރަށް ފޮނުވާފައިވާ މެސެޖްތަކެއްގެ ސްކްރީން ޝޮޓެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.
މަހްލޫފަށް ދިން އިންޒާރުގައި ބުނެފައިވަނީ ޔޯގާ އަކީ ހަލާލު ކަމެއް ނޫން ކަމަށާއި އިންޑިއާގެ ޕަޕެޓަކަށް ވެގެން މަހްލޫފް ހަލާލް ކުރަނީ ބާތިލް ފިކުރެއް ކަމަށެވެ.
ތިޔަކަހަލަ ކޮހެއްގެއަތުން މަރުވެއްޖެޔާ ޔަގީނުންވެސް އަޅުގަނޑު ވާނީ ޝަހީދަކަށް.
މިނިސްޓަރު ކަމަކީ މާގަދަ ކަމެއްކަމަށް ތިމާއަށް ގަބޫލުކުރެވުނަސް،މަގާމަކީ އަޅުގަނޑަށް އެއްވެސް މުހިއްމުކަމެއްނޫން.
ބިރުދައްކައިގެން އެއްވެސް ނަތީޖާއެއް ހާސިލްނުވާނެ.🤌🏾
މެސެޖް ތިކުރަނީ ކުރީގެ ނަންބަރަށް. pic.twitter.com/8KMXrnI3ey— Ahmed Mahloof (@AhmedMahloof) June 23, 2022
އެމެސެޖުގައި ވަނީ އަބަދު މިނިސްޓަރު ކަމުގައި ނުހުރެވޭނެ ކަމަށާއި "އަތު ޖެހުނުނަމަ ނޮޅާލީމުސް" ކަމަށް ވެސް ބުނެފައެވެ.
މިއަދުވެސް ކަލޭ އަތުޖެހުނު ނަމަ ނޮޅާލީމުސް، މިއަދުވެސް ކަލޭ ދުވެ ފިލީ. އަހަރެމެން މި ތިބީ ބަލަން. އަހަރުމެންގެ އަޚަކަށް ނުވަތަ ޖަމިއްޔާއަކަށް ފިޔަވަޅު އަޅާލިޔަސް ކަލެއާއި ކަލޭގެ އާއިލާގެ ޒަމާން ދުއްވާލާނަން. އަބަދު މިނިސްޓަރުކަމުގައި ނުހުރެވޭނެ."
މަހުލޫފް މި މެސެޖްތަކަށް ރައްދުދެއްވާ ވިދާޅުވީ މިނިސްޓަރު ކަމަކީ މާގަދަ ކަމެއްކަމަށް މެސެޖްފޮނުވި މީހާއަށް ގަބޫލުކުރެވުނަސް، އެމަގާމަކީ އެމަނިކުފާނަށް އެއްވެސް ވަރަކަށް މުހިއްމުކަމެއްނޫން ކަމަށެވެ. އަދި ބިރުދައްކައިގެން އެއްވެސް ނަތީޖާއެއް ހާސިލްނުވާނެ ކަމަށްވެސް މަޙްލޫފް ވިދާޅުވިއެވެ.
"ތިޔަކަހަލަ ކޮހެއްގެއަތުން މަރުވެއްޖެއްޔާ ޔަގީނުންވެސް އަޅުގަނޑު ވާނީ ޝަހީދަކަށް"
ޔޯގާއާއި ގުޅިގެން ހިނގާދިޔަ ހަމަނުޖެހުންތަކުގައި ފުލުހުން މިހާތަނަށް 12 މީހަކު ހައްޔަރުކޮށްފައިވާއިރު މީގެތެރޭގައި ދީނީ އިލްމުވެރިންނާއި ސިޔާސީ ބައެއް ބޭފުޅުން ވެސް ހިމެނެއެވެ.