ހައިކޯޓުގެ ފަނޑިޔާރަކަށް ފެމިލީ ކޯޓުގެ ގާޟީ އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު ޢައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީ އިން މިއަދު ބުނީ ފެމެލީ ކޯޓުގެ އިސް ގާޒީ ހ. ސޭންޑީ ބީޗް، ހުޒައިފާ މުހައްމަދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރުމަށް ނިންމީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަނޑިޔާރުން އައްޔަނު ކުރާ ކޮމިޓީން "ހައިލީ ރިކޮމެންޑެޑް" ބޭފުޅާ ކަމަށް އެ ކޮމިޝަނަށް ލަފާދީފައިވާތީ ކަމަށެވެ.
ހުޒައިފާ ފަނޑިޔާރުކަމުގައި 14 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ހުޒައިފާ އަކީ ސުޕީރިއާ ކޯޓުތަކުގެ ތެރެއިން ކޯޓެއްގެ އިސް ގާޒީކަމުގެ މަގާމަށް އައްޔަންކުރެވުނު ފުރަތަމަ އަންހެން ބޭފުޅާ އެވެ.
ހުޒައިފާ އަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓާސް އޮފް ކޯޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ހުޒައިފާ އަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ފަތްކޮޅު އެރުވުމަށް ހަމަޖެހިފައިވަނީ 2022 ޖޫން 27 ވާ ހޯމަ ދުވަހުއެވެ.