ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެތެރެއިން ތާރު އެޅުމުގެ މަސައްކަތް މިހާރު ނިމިއްޖެއެވެ.
މިމަޝްރޫއުގެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ބުނީ ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެތެރެއިން ދެވަނަ ފިޔަވަހީގެ މަސައްކަތުގެ 93 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދީ ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 17،790 އަކަ މީޓަރުގެ ދިގު މިނުގެ 9 މަގެއް ހެދުމާއި، 6923 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 17,790 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއްް ޤާއިމުކުރުމާއި، މަގު ބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
މި މަޝްރޫޢަކީ 37.8 މިލިއަން ރުފިޔާ އަށް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.