ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރިޕަބްލިކް އޮފް ރުވާންޑާއަށް ފުރާވަޑައިގެންފި އެވެ.
މިއީ ކޮމަންވެލްތު ޤައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހް ރުވާންޑާއަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ވަނީ ރުވާންޑާއަށް ފުރާވަޑައިގެންފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނިގޮތުގައި އެމަނިކުފާނާއެކު މި ދަތުރުފުޅުގައި ސަރުކާރުގެ އިސް ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މިއަދުން ފެށިގެން ރިން ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ބައްދަލުވުން ފުރަތަމަ ބޭއްވުމަށް ތާވަލްކުރީ 2020 ވަނަ އަހަރު އެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އެކި ފަހަރު މަތިން ފަސްކުރި މި ބައްދަލުވުން ރަސްމީގޮތުން ހުޅުވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު އެވެ. އަދި އެ ދުވަހު ޤައުުމުތަކުގެ ވެރިންގެ ހާއްސަ ބައްދަލުވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.
މި ބައްދަލުވުމުގައިި ބައިވެރިވުމަށް ކޮމަންވެލްތު 54 މެމްބަރު ޤައުމުގެ އެންމެ އިސް ވަފުދުތައް އަންނަނީ މިހާރު ރުވާންޑާއަށް ދަތުރުކުރަމުންނެވެ.

ދިވެހިރާއްޖެއާއި ރުވާންޑާއާއި ދެމެދު 5 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: ފޮރިންގ މިނިސްޓްރީ
މި ބައްދަލުވުމާއި ދިމާކޮށް، ދިވެހިރާއްޖެއާއި ރުވާންޑާއާއި ދެމެދު 5 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ވަނީ މިއަދު ސޮއިކޮށްފަ އެވެ.
ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލެވެ. ރުވާންޑާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ފޮރިން މިނިސްޓަރ ވިންސެންޓް ބިރޫޓާއެވެ.
ރާއްޖެއާއި ރުވާންޑާއާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ގުޅުން ބަދަހިކުރުމަށް ނިންމާފައިވާ ދާއިރާތަކަކީ، ޚާރިޖީ ދާއިރާއާއި، ވައިގެ މަގުން ދަތުރުފަތުރުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ތަރައްޤީއާއި ޕްރޮމޯޝަން އަދި ވިޔަފާރި ހަރަކާތްތަކާއި، މެރިޓައިމް ދާއިރާގެ އިތުރުން، ދަނޑުވެރިކަމުގެ ދާއިރާއިން މަސްވެރިކަމާއި މެރިން ރިސޯސަސްގެ ދާއިރާއެވެ.