"މޯލްޑިވްސް ކޮވިޑް-19 ހެލްތް ފެސިލިޓީ ޕްރޮޖެކްޓް" އަށްވާ ފައިސާ ހަމަޖެއްސުމަށްޓަކައި 18،400،000 (އަށާރަ މިލިއަން ހަތަރު ލައްކަ) ޔޫރޯގެ ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) އާއި ދެމެދު ސޮއިކޮށްފި އެވެ.
މި ލޯނަކީ މިދިޔަ އަހަރު އީއައިބީ އިން ތައާރަފްކުރި "ސައުތު އޭޝިއާ ޕަބްލިކް ހެލްތު ކެއާ ކޮވިޑް 19 ޕްރޮގްރާމު ލޯން"ގެ ދަށުން ރާއްޖެއަށް ދީފައިވާ ލޯނެކެވެ.
މި ލޯންގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެވެ. އީއައިބީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އީއައިބީގެ ގްލޯބަލް ޕާޓްނާޒް ޑައިރެކްޓާ މާރިއާ ޝޯ އެވެ.
މި ލޯނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބެލްޖިއަމްގެ ބްރަސެލްސްގައި ކުރިއަށްދާ "ޔޫރަޕިއަން ޑިވޮލެޕްމެންޓް ޑޭސް" އިވެންޓުގަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި މިލޯން ބޭނުންކުރެވޭނީ ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީކުރުމަށްޓަކައި ޒަމާނީ ވަސީލަތްތަކާ އެކު ގައުމީ ހެލްތު ލެބޯޓްރީއެއް ގާއިމުކުރުމަށްކަމަށެވެ. އަދި އަތޮޅު ތެރޭގައި އިންފެކްޝަން ޑިޒީޒް ވޯޑްތަކެއް ގާއިމުކުރުމަށް މި ލޯނު ބޭނުންކުރާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އެގޮތުން 18 ރަށެއްގައި އައިސޮލޭޝަން ފެސިލިޓީތައް ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމު އިތުރަށް ޒަމާނީކޮށް ލާމަރުކަޒީ ކުރުމުގެ ފުރުސަތު މަގުފަހިވެގެންދާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ސަރުކާރުން މިދިޔަ މަހުގެ ތެރޭގައި ވަނީ އެއް ބިލިއަން ރުފިޔާގެ ލޯނެއްވެސް ނަގައިފަ އެވެ. އެއީ ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމަށް ސަރުކާރުން ނެގި ލޯނެކެވެ.