ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި އިއްޔެ ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލާގައި އިތުރު ހަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ގަލޮޅު ދަނޑުގައި އިއްޔެ ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލާގައި ހަ މީހަކު މިރޭ ހައްޔަރުކޮށްފައިވާކަމަށެވެ. އެ ހަ މީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުންނެއް ނުދެ އެވެ.
އެނގިފައިވާގޮތުގައި މީރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ޝެއިހު ފަޒްލޫން މުހައްމަދާއި، ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި އެ ޕާޓީގެ އެކްޓިވިސްޓު އިބްރާހިމް ރައްޒާން (ތަކަނޭ) އެވެ.
އޭގެއިތުރުން ޝެއިހު އާދަމް ނިޝާން ވެސް ހައްޔަރުކޮށްފައިވާކަމަށް މައުލޫމާތު ލިބޭ އެވެ.
މިރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ޝޭހް ފަޒްލޫން އަކީ ޔޯގާ އިވެންޓް ހުއްޓުވުމަށް ދަނޑުކައިރިއަށް މީހުން އެއްވާން ގޮވާލި ފަރާތެވެ. އަދި ނިޝާންވެސް އެ ސަރަހައްދުަގއި ލައުޑް ސްޕީކަރު ބޭނުންކޮށްގެން ވާހަކަދައްކާފައިވެއެވެ.
އެ މައްސަލާގައި އިއްޔެ ހައްޔަރުކުރި 6 މީހުންގެ ތެރެއިން 4 މީހެއްގެ ބަންދަށް ދެ މަސް އަދި އަނެއް ދެމީހުންގެ ބަންދަށް ދެ މީހެއްގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ވަނީ ދީފައެވެ.
ޔޯގާ ހަމަނުޖެހުން: ހައްޔަރު ކުރި ހަތަރު މީހެއްގެ ބަންދަށް ދެ މަސް
ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ އިއްޔެ ހެދުނު ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާތީކަމަށެވެ.
އެ މީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ނަދީމާއި މުޙައްމަދު މަޢުޞޫމާއި މުޙައްމަދު ޙުސައިންގެ އިތުރުން އަމީން އަޙްމަދެވެ. އަދި ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ޛިލްޔަން އާއި ޝާމީ ރަޝާދު އިދްރީސްއެވެ.
ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.