ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި އިއްޔެ ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރު ކުރި 6 މީހުންގެ ތެރެއިން 4 މީހެއްގެ ބަންދަށް ދެ މަސް އަދި އަނެއް ދެމީހުންގެ ބަންދަށް ދެ މީހެއްގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ދީފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
މުޙައްމަދު ނަދީމް / ކ. ތުލުސްދޫ، ވީނަސް، 43އ
މުޙައްމަދު ޛިލްޔަން / ކ. މާލެ، މއ. ކަނުހުރާ، (37އ)
ޝާމީ ރަޝާދު އިދްރީސް / ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، (30އ)
މުޙައްމަދު މަޢުޞޫމް / ތ. މަޑިފުށި، ހެޕީސައިޑް، (40އ)
މުޙައްމަދު ޙުސައިން / ހއ. ތުރާކުނު، ގްރީންހައުސް، (47އ)
އަމީން އަޙްމަދު / ގދ. ރަތަފަންދޫ، ލިލީޕާރކް، (35އ)
ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ އިއްޔެ ހެދުނު ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާތީކަމަށެވެ.
އެ މީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ނަދީމާއި މުޙައްމަދު މަޢުޞޫމާއި މުޙައްމަދު ޙުސައިންގެ އިތުރުން އަމީން އަޙްމަދެވެ. އަދި ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ޛިލްޔަން އާއި ޝާމީ ރަޝާދު އިދްރީސްއެވެ.
ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އެއްކުރުމަށް އޮންލައިން ޕޯޓަލްއެއް ވަނީ ގާއިމް ކޮށްފައެވާ ކަމަށާ މި ޕޯޓަލްއަށް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.