ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު; ފޮޓޯ: ހޯމް މިނިސްޓްރީ

ޔޯގާ ދުވަސް ފާހަގަކުރަން އިއްޔެ ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުން ހުއްޓުވަން ފުލުހުން އަމަލުކުރި ގޮތާއިމެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ގަލޮޅު ދަނޑުގައި އިއްޔެ ހެނދުނު 6:30ގައި ފެށި ޔޯގާ ހަރަކާތަށް ހުރަސްއެޅުމަށް ބަޔަކުވަނީ ގަދަކަމުން ދަނޑަށް ވަދެފައެވެ. ދަނޑުގެ ފެންސް ހަލާކުކޮށްލައިގެން ވަން މި މީހުން ވަނީ އެހަރަކާތް ހުއްޓުވާ ބައެއް މީހުންނަށް ހަމަލާވެސް ދީފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިމައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި ޓްވީޓެއް ކުރައްވާފައި މިވަނީ، މިހަރަކާތް ހުއްޓުވުމަށް ފުލުހުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ސީޕީ ވިދާޅުވީ ދަނޑުގެ ސެކިއުރިޓީ ފަޅާލުމަށްފަހު ދަނޑަށް ވަން މީހުން ހުއްޓުވުމަށް ފުލުހުން އަމަލުކުރި ގޮތާމެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަމަށާ މިކަމުގައި ފުލުހުންގެ އެތެރޭގެ ތަހުގީގެެއް ހިންގަމުންދާކަމަށެވެ. އަދި މިކަމުގައި މުއައްސަސާތަކުން ހިންގާ ތަހުގީގުތަަކަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.

ސީޕީ ވަނީ މި ހަމަނުޖެހުމުގައި ބައިވެރިވި މީހުންނަށް ފިޔަވަޅު އެޅުމަށް ހުރިހާ މަސައްކަތެއް ކުރާއިރު, ފުލުހުންގެ އޮޕަރޭޝަންތައް ހަރުދަނާ ކުރުމަށް ވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.