އުރީދޫގެ ބައިނަލްއަގުވާމީ ގޭމިން ޕްލެޓްފޯމް، "އުރީދޫ ނޭޝަން-ގޭމާސް ލޭންޑް" ރާއްޖެއަށް ތައާރަފުކޮށްފައެވެ.
ރޭ ދަރުބާރުގޭގައި އޮތް ހަފްލާއެއްގައި މި އުފެއްދުން ތައާރަފުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މައުސޫމެވެ.
ރާއްޖޭގައި ގޭމިން ކޮމިއުނިޓީއެއް ބިނާކޮށް، ހަލުވިދުވެއްޔެއްގައި ކުރިއަރަމުން އަންނަ އެ އިންޑަސްޓްރީގެ ނިމުމެއް ނެތް ފުރުސަތުތަކާ ގުޅުވާލަދިނުމުގެ މަގުސަދުގައި އުރީދޫން ތައާރަފުކުރި އެ ޕްލެޓްފޯމަކީ އުރީދޫގެ ވަރުގަދަ 4ޖ އަދި 5ޖީ ނެޓްވޯކާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއެކު ވެފައިވާ ޕާޓްނާޝިޕްތަކުގެ އެހީގައި ތައާރަފްކުރި ޕްލެޓްފޯމެކެވެ.
އުރީދޫ ނޭޝަން މެދުވެރިކޮށް އައިޓިއުންސް، ނިންޓެންޑޯ، ޕްލޭސްޓޭޝަން އަދި މިނޫންވެސް ދުނިޔޭގެ އެކި ގޭމިން ޕްލެޓްފޯމްތަކުގެ ގިފްޓް ކާޑް ގަނެވޭނެއެވެ. އަދި ގޭމް ކުޅޭ ފަރާތްތަކަށް ooredoonation.mv މެދުވެރިކޮށް ޕަބްޖީ، ގެރީނާ ފްރީ ފަޔާ، މޯބައިލް ލެޖެންޑްސް، ކޯލް އޮފް ޑިއުޓީ، ރޮބްލަކްސް އަދި މިނޫންވެސް ގިނަ ގޭމްތަކަށް މޯބައިލް ޑޭޓާ ޕެކްތައް އެކްޓިވޭޓް ކުރެވޭނެއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް ކޮމާޝަލް އޮފިސަރު ޚާލިދު އަލް ޙަމާދީ---- ފޮޓޯ: އުރީދޫ
ގޭމިން ޕެކްތަކާއި ގިފްޓް ކާޑު އަދި ކޮންޓެންޓްގެ ހިދުމަތުގެ އިތުރުން އުރީދޫ ނޭޝަންއިން ގޭމް ކުޅޭ ފަރާތްތަކަށް އަގު ހުރި އިނާމުތަކާއެކު ލޯކަލް އަދި އިންޓަނޭޝަނަލް މުބާރާތްތައްވެސް ކުރިއަށްގެންދާނެއެވެ.
އެގޮތުން ރޭގެ ރަސްމިއްޔާތުގައި އުރީދޫ ނޭޝަންގެ ފުރަތަމަ މުބާރާތް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ވަނީ އިއުލާނުކޮށްފައެވެ. އެއް ލައްކަ ރުފިޔާގެ އިނާމު ޕޫލަކާއެކު ކުރިއަށް ގެންދާ އެ ޗެމްޕިއަންޝިޕްގައި ޕަބްޖީގެ ސިލްސިލާ މުބާރާތްތަކުގައި ބައިވެރިވެ ލެވަލް މަތިވާ ވަރަކަށް ފައިސާގެ އިނާމު އިތުރުވަމުންދާނެއެވެ. ޗެމްޕިއަންޝިޕްގައި ބައިވެރިވާ ފަރާތްތަކުގެ ނަތީޖާއާއި ވަނަ އުރީދޫ ނޭޝަން ލީޑާބޯޑްއިން ފެންނާނެއެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ މި ހިދުމަތާއެކު ރާއްޖޭގައި ގޭމްކުޅޭ މީހުންނަށް މުޅިން އައު ފުރުސަތުތަކެއް ހުޅުވޭނެ ކަމަށެވެ.
ހަލުވިދުވެއްޔެއްގައި ބަދަލުވަމުން އަންނަ ގޭމިން އިންޑަސްޓްރީން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ފުރުސަތުތައް ހުޅުވިގެންގޮސްފައި. މިއަދު އަޅުގަނޑުމެން މި ހާސިލްކުރި މުހިންމު ލަނޑުދަނޑިއާއެކު، އައު ފުރުސަތުތަކާއެކު ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އުރީދޫ ނޭޝަން ރާއްޖޭގައި ތައާރަފްކުރުމަކީ، މި ދާއިރާގައި ޕްރޮފެޝަނަލް ބަޔަކަށް ވެ، އިތުރު ހަރުފަތަކަށް ވާސިލްވުމަށް، ލޯކަލް ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަޅުގަނޑުމެން މިތިބީ މި އިންޑަސްޓްރީގެ އިސް ސަފުގައި ހަރަކާތްތެރިވެ ރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ ކުރިއެރުމަށް މަގުފަހިކޮށްދިނިމުގެ އަޒުމުގައި."
މި ޕްލެޓްފޯމް މެދުވެރިކޮށް ގޭމް ސްޓްރީމް ކުރުމަށާއި، އެ ދާއިރާއާ ގުޅޭ މުހިއްމު ޚަބަރުތައް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެއެވެ. އުރީދޫއިން ވަނީ މި ޕްރޮޖެކްޓްގައި ރާއްޖޭގެ ގޭމިން ކޮމިއުނިޓީއާ އެކު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.