ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު -- ޖަޒީރާ ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ)

ވަކިވަކި ފަރުދުންނާއި ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ޑިޕްލޮމެޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭގޮތަށް ހިންގާ ޢަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ޢަމަލުތަކެއް ނޫންކަމަށް ފޮރިންގ މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިފަދައިން ބުނެފައިވަނީ ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުމާއި ގުޅިގެން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައެވެ.

ފޮރިން މިނިސްޓްރީން ބުނީ ޑިޕްލޮމެޓުން ހިމެނޭގޮތަށް ބޭއްވި ހަރަކާތުގެ ބައިވެރިންނަށް އަމާޒުކޮށް ބަޔަކު ހިންގި އަނިޔާވެރި އަމަލުތައް، ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރުވައި، ވަކިވަކި ފަރުދުންނާއި ޑިޕްލޮމެޓިކް ކޯޕްސްގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ އަނިޔާވެރި އަމަލުތައް ބަލައިނުގަނެވޭނެކަމަށެވެ.

މި މައްސަލައާއި ގުޅިގެން ކަމާބެހޭ އިދާރާތަކުން ޚާއްޞަ ތަހުޤީގެއް ފަށާފައިވާއިރު، މި ޢަމަލު ހިންގި ފަރާތްތައް އަވަސް ގޮތެއްގައި އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރާނެކަމުގެ ޔަޤީންކަން މި ބަޔާނުގައި ވަނީ ދީފައެވެ.

ޔޯގާ ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން އަދި އިންޑިއަން ކަލްޗަރަލް ސެންޓަރުން އިންތިޒާމު ކުރި މި އިވެންޓް އެންމެ ފުރަތަމަ ބާއްވަން އުޅުނީ ރަސްފަންނުގަ އެވެ. އެކަމަކު އާންމުންގެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ބުނެ ރަސްފަންނުގައި މި އިވެންޓް ބާއްވަން މާލެ ސިޓީ ކައުންސިލުން ހުއްދައެއް ނުދިނެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ފާހަގަކުރަމުން އަންނައިރު، މިހާތަނަށް މިފަދަ އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާކަން ފާހަގަކުރެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.