ގަލޮޅު ދަނޑުގައި ޔޯގާގެ ހަރަކާތް މިއަދު ކުރިއަށް ގެންދަނިކޮށް، އެ ތަނަށް ވަދެ، ހިންގި ހަމަނުޖެހުމަކީ ސިޔާސީ މަންފާއަކަށްޓަކައި ހިންގީ ހަރުކަށި ވިސްނުމުގެ އަނިޔާވެރި އަމަލެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ސިފަކޮށްފި އެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލާގައި އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެއީ މުންކަރާތްތައް ނަހީކުރުމުގެ ނަމުގައި ހިންގި ވަރަށް ނާތަހުޒީބު ދަށު ދަރަޖައިގެ އަމަލެއްކަމަށެވެ. އަދި އިސްލާމް ދީނަށް ނަސްރުދިނުމުގެ ނަމުގައި ހަރުކަށިކަން އިސްކޮށް، އަނިޔާވެރިކަމަށް ގޮވާލައި މީސްތަކުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ހިންގާ މިފަދަ އަމަލުތަކަކީ އިސްލާމް ދަސްކޮށްދެއްވި ރިވެތި އުސޫލުތަކާއި މިންގަނޑުތަކުން ބޭރުން ހިންގާ އަމަލުތަކެއްކަން ކަށަވަރުކަމަށް އިިިސްލާމިކް މިނިސްޓްރީގެ އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިއާއިއެކު އެއްވެސް އިހްލާސްތެރިކަމެއްނެތި އިސްލާމްދީނާއި ލޮބުވެތި ނަބިއްޔާގެ ދިފާއުގައިކަމަށް ބުނެ ރާއްޖޭގެ ދާހިލީ ހަމަޖެހުން ނަގާލެވޭ މޭރުމުން ބައެއް ފަރާތްތަކުން ސިޔާސީ މަންފާއަކަށްޓަކައި ހިންގާ ހަރަކާތްތަކުގެ މަޅީގައި ދިވެހި ރައްޔިތުން ނެޖެހުމަށް ނަސޭހަތްތެރިވަމެވެ.

މިނިސްޓްރީން ބުނީ އެފަދަ ކަންކަމާ މެދު ދީނީ އިލްމުވެރިންނާއި މުއައްސަސާތަކުން އިތުރަށް ސަމާލުވެ މުޖުތަމައުގެ މަސްލަހަތު އިސްކޮށް ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކޮށްދޭން އެދޭ ކަމަށެވެ.

މިއަދު ހެނދުނު 6:30 ގައި ފެށި ޔޯގާ ދުވަހުގެ ހަރަކާތަށް ބަޔަކު ހުރަސް އަޅައި ހަމަނުޖެހުން އުފައްދައި އެތާ ތިބި މީހުންނަށް އިންޒާރުދީ އަދި މީހުންނަށް ހަމަލާ ދިނުމުގެ އިތުރުން ތަކެއްޗަށް ވެސް ވަނީ ގެއްލުންދީފަ އެވެ.

މި މައްސަލައިގައި މިހާތަނަށް 6 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ޔޯގާ ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން އަދި އިންޑިއަން ކަލްޗަރަލް ސެންޓަރުން އިންތިޒާމު ކުރި މި އިވެންޓް އެންމެ ފުރަތަމަ ބާއްވަން އުޅުނީ ރަސްފަންނުގަ އެވެ. އެކަމަކު އާންމުންގެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ބުނެ ރަސްފަންނުގައި މި އިވެންޓް ބާއްވަން މާލެ ސިޓީ ކައުންސިލުން ހުއްދައެއް ނުދިނެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ފާހަގަކުރަމުން އަންނައިރު، މިހާތަނަށް މިފަދަ އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާކަން ފާހަގަކުރެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *