އުމުރުން ދުވަސްވީ މީހެއް ވެކްސިން ޖަހަން ސެންޓަރަކަށް ވަންނަނީ.

ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީވެ، މި ދުވަސްވަރު ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައް ފިޔަވައި އެހެން ހަފްލާތައް ފަސްކުރުމަށް ހެލްތު ޕްރޮޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާކަން ހާމަކޮށް، އެޗްޕީއޭ އިން މިރޭ އާންމުކުރި ބަޔާނުގައި ބުނެފައިވަނީ މި ހިނގަމުން އަންނަ ޖޫން މަހުގެ ދެ ވަނަ ހަފްތާއާއި އަޅާބަލާއިރު ޖޫން މަހުގެ ތިން ވަނަ ހަފްތާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު 185 އިންސައްތައަށް އިތުރުވެފައިވާކަމަށެވެ. އަދި ކޮވިޑްގައި ހޮސްޕިޓަލުގައި އެދުމަތިކުރަންޖެހޭ މީހުންގެ އަދަދު އިތުރުވެ، މި މަހުގެ ތެރޭގައި ކޮވިޑް ޖެހިގެން ތިން މީހަކު މަރުވެފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނީ މި ދުވަސްވަރަކީ ސުކޫލުތަކުގެ ޗުއްޓީ ދުވަސްވަރުކަމުން ގިނަ އަދަދެއްގެ ހަފްލާތައް ބޭއްވުމުގެ އިތުރުން މި ދުވަސްވަރު ގިނަ ބަޔަކު އެއްތަނުން އަނެއްތަނަށް ދަތުރުކުރާ ކަމަށެވެ. މިކަންކަމަކީ ކޮވިޑް އިތުރަށް ފެތުރެން ދިމާވާނެފަދަ ކަންކަންކަން ފާހަގަކޮށް، އެޗްޕީއޭއިން ވަނީ ހަފްލާތައް ބޭއްވުމާއި، ދަތުރުފަތުރުކުރުމުގައި އަދި އާންމުން ގިނައިން އެއްވެ އުޅޭ ތަންތަނުގައި ހަރަކާތްތެރިވާއިރު އިތުރު ފިޔަވަޅުތައް އަޅަން އަންގައިފަ އެވެ.

ކޮވިޑުން ރައްކާތެރިވެ ތިބުމަށް އަޅަން އެނގި ފިޔަވަޅުތަކުގެ ތެރޭގައި އެޗްޕީއޭއިން ވަނީ ގިނަ މީހުން އެއްވާ ތަންތަނާއި، ބަންދު ތަންތަނުގައި މާސްކް އެޅުމަށް އަންގައިފަ އެވެ.

މާސްކް އެޅުމަށް އެންގި ތަންތަން:

  • އޮފީސް
  • ސުކޫލް
  • ކޮލެޖް
  • ފިހާރަތައް
  • އެއާޕޯޓް
  • ފެރީ ޓާމިނަލް
  • ފެރީތައް
  • ބަސްތައް
  • ޓެކްސީ
  • މަތިންދާ ބޯޓު
  • މިސްކިތް
  • ބޭންކްތައް
  • ސިއްހީ ހިދުމަތްދޭ ތަންތަން

އޭގެއިތުރުން އެޗްޕީއޭއިން ވަނީ ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރިނަމަ މާސްކް އެޅުމަށާއި، ކޮންމެހެން ދާންޖެހިގެން ނޫނީ ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުދިއުމަށްވެސް އަންގައިފަ އެވެ. އަދި ކޮވިޑްގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ބިލި ހުރިތޯ ޓެސްޓުކުރުމާއި، ތަންތަން ސަފުކޮށް، ޑިސްއިންފެކްޓްކުރުމަށްވެސް އެޗްޕީއޭއިން އަންގާފައިވެ އެވެ.

އެއްވުންތަކާއި ހަފްލާތައް ބޭއްވުމުގައި ހާއްސަ ސަމާލުކަމަށް ދިނުމަށް އަންގައި، އެޗްޕީއޭ އިން ވަނީ މި ދުވަސްވަރު ކޮންމެހެން ބާންވަންޖެހޭ ހަފްލާތައް ނޫން އެހެން ހަފްލާތައް ފަހުގެ ތާރީހަކަށް ފަސްކުރުމަށް އަންގައިފަ އެވެ. އަދި ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައް ބާއްވާއިރުވެސް، ވީ އެންމެ މަދު އަދަދެއް ބަޔަކު ޝާމިލްވާގޮތަށް ހަފްލާތައް ބޭއްވުމަށް އެޗްޕީއޭގެ އެންގުމުގައިވެއެވެ.

އޭގެއިތުރުން ހިތާނީ ހަފްލާތައް ބޭއްވުމުގައިވެސް ގިނަ ބަޔަކު އެއް ނުވާނެގޮތަކަށް ހަފްލާތައް ބޭއްވުމަށާއި، އެފަދަ ހަފްލާތައް ބާއްވާއިރު ކޮވިޑްގެ ގައިޑްލައިންތަކާއި އެއްގޮތަށް ހަފްލާތައް ބޭއްވުމަށްވެސް އެޗްޕީއޭގެ ފިޔަވަޅުތަކުގައިވެއެވެ.

އެޗްޕީއޭއިން ވަނީ މި ދުވަސްވަރު ދަތުރުކުރާ ފަރާތްތަކުންވެސް ގިނަ ކަންތަތަކަށް ސަމާލުކަން ދިނުމަށް އަންގައިފަ އެވެ.

ދަތުރުކުރާ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ ކަންކަން:

  • ދަތުރުތައް ލަސްކުރުން، ނުވަތަ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުން
  • ދަތުރުކުރުމުގެ ކުރިން ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުން
  • ދަތުރުކުރުމުގެ ކުރިން އެ ދަތުރުކުރާ ޤައުމެއްގެ ވެކްސިން ދިނުމުގެ ކަންކަން ރަނގަޅަށް އޮޅުން ފިލުުވުން

ނިމިދިޔަ ހަފްތާގައި މުޅި ރާއްޖެއިން ޖުމްލަ 405 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 231 މީހުންނަކީ މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވި މީހުންނެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުން ޖުމްލަ 95 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކާއި އެހެނިހެން ތަންތަނުން 79 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑް ބަލި ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު، މިދިޔަ ހަފްތާގައި އެކަނި ވެސް 17 މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *