މިއަދު ހެނދުނު ނެޝަނަލް ސްޓޭޑިއަމްގައި ކުރިޔަށްގެންދިޔަ ހަރަކާތަށް ހުރަސްއަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭފުޅުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ބަޔަކު ވަދެގެން، ބައެއް މީހުންނަށް ޙަމަލާދީ، ތަކެއްޗަށް ގެއްލުންދީ ހިންގި ކަންކަން ވަޒީރުންގެ މަޖިލީހުން ކުށްވެރިކޮށްފި އެވެ.
އެކަން ކުށްވެރިކޮށްފައިވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ މި ޢަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުޤީޤުކޮށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލައްވާފައެވެ.
މީގެ އިތުރުން މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ މި ޢަމަލު ހިންގި ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ވަޒީރުންގެ މަޖިލީހުގެ ސަބްކޮމެޓީއެއް ވެސް އެކުލަވާލައްވާފައެވެ.
މި ސަބްކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
- މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ އަޙްމަދު ޒާހިރު
- މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ
- މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ
- އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްޢަތު
- މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
- މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
- މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް
ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިނުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.
މިއަދު ހެނދުނު 6:30 ގައި ފެށި ޔޯގާ ދުވަހުގެ ހަރަކާތަށް ބަޔަކު ހުރަސް އަޅައި ހަމަނުޖެހުން އުފައްދައި އެތާ ތިބި މީހުންނަށް އިންޒާރުދީ އަދި މީހުންނަށް ހަމަލާ ދިނުމުގެ އިތުރުން ތަކެއްޗަށް ވެސް ވަނީ ގެއްލުންދީފަ އެވެ.
މި މައްސަލައިގައި މިހާތަނަށް 6 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ޔޯގާ ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން އަދި އިންޑިއަން ކަލްޗަރަލް ސެންޓަރުން އިންތިޒާމު ކުރި މި އިވެންޓް އެންމެ ފުރަތަމަ ބާއްވަން އުޅުނީ ރަސްފަންނުގަ އެވެ. އެކަމަކު އާންމުންގެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ބުނެ ރަސްފަންނުގައި މި އިވެންޓް ބާއްވަން މާލެ ސިޓީ ކައުންސިލުން ހުއްދައެއް ނުދިނެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ފާހަގަކުރަމުން އަންނައިރު، މިހާތަނަށް މިފަދަ އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާކަން ފާހަގަކުރެވެއެވެ.