ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިން މައްސަލާގައި އެއްވެސް ޕާޓީއެއްގެ ބައިވެރިވުމެއް އޮވެއްޖެނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީީ ޔޫތު މިނިސްޓްރީން ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތަށް ހުރަސްއަޅައި، އެ ހަރަކާތުގައި ބައިވެރިވި ބޭރުގެ ޤައުމުތަކުގެ ސަފީރުންނާއި، ޑިޕްލޮމެޓުން އަދި އާންމުނާއި ދެކޮޅަށް، ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ބަޔަކު ވަދެގަނެ، ހަމަނުޖެހުން ހިންގައި، ބައެއް މީހުންނަށް ހަމަލާދީ، އަދި ތަކެއްޗަށް ގެންލުންދީފައިވާތީ، އެ އަމަލު އެންމެ ހަރުކަށި އިބާރާތުން އެ ކޮމިޝަނުން ކުށްވެރިކުރާކަމަށެވެ. އަދި އެ ބަޔާނުގައި ވަނީ ކޮމިޝަންގެ ނަޒަރުގައި އެ އަމަލަކީ ވަރަށް ނާތަހުޖީބް އަމަލެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ މައްސަލާގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ބައިވެރިވުމެއް އޮވެއްޖެކަން ފުލުހުންގެ ތަހުޤީޤަށް ސާބިތުވެއްޖެނަމަ، އެ ސިޔާސީ ޕާޓީއަކާއިމެދު ފިޔަވަޅު އާޅާނެކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 45 ވަނަ މާއްދާއަށް ރިއާޔަތްކޮށް، 49 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ކޮމިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ މައްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކަކީ ޖޫރިމަނާގެ ފިޔަވަޅުތަކެކެވެ. އެގޮތުން 49 ވަނަ މާއްދާގެ ދަށުން 5،000 ރުފިޔާއިން ފެށިގެން 75،000 ރުފިޔާ އަށް ސިޔާސީ ޕާޓީއެއް ޖޫރިމަނާކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ. އަދި އެ ޖޫރިމަނާ ފައިސާ ނުދައްކާ ޕާޓީތަކަށް، ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއިން ފައިސާ އުނިކުރުމުގެ ބާރުވެސް އިލެކްޝަންސް އަށް ލިބިގެންވެއެވެ.
ފުލުހުން މައްސަލަ ހުށަހެޅީމަ، ޕީޕީއެމަށް ފިޔަވަޅު އަޅާނަން: އިލެކްޝަން
ބައިނަލްއަގްވާމީ ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަނީ ވަދެގަނެ ހަމަނުޖެހުން ހިންގާފައެވެ. ޝަހަދަތުގެ ކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ވަދެ އެތަނުގައި ހަޅޭއްލަވާ އެތަނުގައި ތިބި ބައެއް މީހުންނަށް އަނިޔާދޭ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ.
އޭގެ ފަހުން ސޯޝަލް މީޑިއާގައި އާންމުވި ބައެއް ފޮޓޯތަކުން ފެންނަގޮތުގައި އެ ދިދަތައް ރޭ ފަތިހު ނެރުނީ ޕީޕީއެމް ގެ މައި އޮފީހުންނެވެ. އެކަމަކު ޕީޕީއެމް އިން ވަނީ އެކަން ދޮގުކޮށްފައެވެ.
ހަމަނުޖެހުމަށް ޕީޕީއެމުން ވާގިވެރިވިކަން ފުލުހުން ކަށަވަރުކޮށްދީފި
އެ ހަމަނުޖެހުމާއި ގުޅިގެން ފުލުހުން ދެންމެ ނެރުނު ބަޔާނުގައި ބުނީ އެ ހަމަނުޖެހުމުގައި ބޭނުންކުރި ބައެއް ތަކެތި ނެރުނީ އެ އޮފީހުންކަން ފުލުހުންނަށް އެނގިފައިވާ ކަމަށެވެ.
އެ މައްސަލާގައި 6 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މައްސަލާގައި ބައިވެރިވި މީޙުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް އެ އިދާރާއިން ކުރާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ބަލަމުން އަންނަނީ ފުލުހުންގެ ސިރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކަމަށް ވެސް ފުލުހުން ބުނެއެވެ.