އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް

މިއަދު ހެނދުނު ހިންގި ހަމަނުޖެހުމާއި ގުޅިގެން ފުލުހުން މައްސަލަ ބެލުމަށް ފަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން މައްސަލަ ބަލައި، ފިޔަވަޅު އަޅާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ބައިނަލްއަގްވާމީ ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަނީ ވަދެގަނެ ހަމަނުޖެހުން ހިންގާފައެވެ. ޝަހާދަތުގެ ކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ވަދެ އެތަނުގައި ހަޅޭއްލަވާ އެތަނުގައި ތިބި ބައެއް މީހުންނަށް އަނިޔާދޭ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ.

މިކަމުގައި ބޭނުންކުރި ދިދަތައް ޕީޕީއެމް އޮފީހުން ނެރޭ ފޮޓޯތަކެއް އާންމުވެފައިވަނިކޮށް، ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ޕީޕީއެމް އިން މި ހަމަނުޖެހުމށް ވާގިވެރިވިކަން ކަށަވަރުކޮށްދީފައެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އިސްމާއިލް ހަބީބް "ޖަޒީރާ" އަށް ވިދާޅުވީ އެ ކޮމިޝަނަށް މައްސަލަ ބެލޭނީ ފުލުހުން މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހު ހުށަހެޅުމުން ކަމަށެވެ. އަދި މިހާތަނަށް އެފަދަ މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށާއި، ހުށަހެޅުމުން އެކަން ބަލާނެ ކަމަށެވެ.

މައްސަލަ ސާބިތުވާނަމަ އަޅުގަނޑުމެން ފިޔަވަޅު އަޅާނަން. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮންނާނެ ސުލޫކީ މިންގަނޑެއް، އެ މިންގަނޑާ ހިލާފު ވީމަ ހުންނަ ޖޫރިމަނާތައް މިކަމުގައި އޮންނާނީ

އެ މައްސަލާގައި 6 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މައްސަލާގައި ބައިވެރިވި މީޙުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް އެ އިދާރާއިން ކުރާ ކަމަށް ފުލުހުން ބުނެއެވެ.  އަދި މި މައްސަލަ ބަލަމުން އަންނަނީ ފުލުހުންގެ ސިރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ކުށްވެރިކޮށް ހަރުކަށިކޮށް މައްސަލަ ބައްލަވާނެ ކަމަށް ރައީސް ސޯލިހު ވެސް ވިދާޅުވެފައިވެއެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *