މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުމާ ގުޅޭ އެއްވެސް ހެއްކެއް ނުވަތަ މައުލޫމާތެއް ވާނަމަ އެ ހިއްސާކުރަން ފުލުހުން އެދިއްޖެއެވެ.
އިނަލްއަގްވާމީ ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަނީ ވަދެގަނެ ހަމަނުޖެހުން ހިންގާފައެވެ. ޝަހަދަތުގެ ކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ވަދެ އެތަނުގައި ހަޅޭއްލަވާ އެތަނުގައި ތިބި ބައެއް މީހުންނަށް އަނިޔާދޭ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ.
އެކަމާ ގުޅިގެން ފުލުހުން ކުރި ޓުވީޓެއްގައި ވަނީ މި ހަމަނުޖެހުމުގެ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ފުލުހުންގެ ޕޯޓަލް މެދުވެރުކޮށް ހިއްސާކޮށްދިނުމަށް އެދިފައެވެ. އަދި މައުލޫމާތު ހިއްސާކުރާ ފާރަތްތަކުގެ ވަނަވަރު ސިއްރުކުރާނެ ކަމުގެ ޔަގީންކަން ފުލުހުން އަރުވައެވެ.
Please share any evidence or information pertaining to the incident that happened this morning at National Stadium via web portal https://t.co/Xcbw9i30OW.
The MPS will ensure the anonymity and safety of all individuals who provide support to this endeavor.
— Maldives Police (@PoliceMv) June 21, 2022
އެ މައްސަލާގައި 6 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މައްސަލާގައި ބައިވެރިވި މީޙުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް އެ އިދާރާއިން ކުރާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ބަލަމުން އަންނަނީ ފުލުހުންގެ ސިރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ކުށްވެރިކޮށް ހަރުކަށިކޮށް މައްސަލަ ބައްލަވާނެ ކަމަށް ރައީސް ސޯލިހު ވެސް ވިދާޅުވެފައިވެއެވެ.