ބައިނަލްއަގުވާމީ ޔޯގާ ޑޭ ފާހަގަކުރުމަށް މިއަދު ހެނދުނު ބޭއްވި ހަރަކާތުގައި ހިންގި ހަމަނުޖެހުން ފަދަ ކަންކަމަށް ރާއްޖޭގައި އޮތް ޑިމޮކްރަޓިކް މުޖުތަމައުގައި ޖާގަނުދެވޭނެ ކަމަށް ބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފިއެވެ.
ސްޓޭޑިއަމްގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަނީ ވަދެގަނެ ހަމަނުޖެހުން ހިންގާފައެވެ. ޝަހަދަތުގެ ކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ވަދެ އެތަނުގައި ހަޅޭއްލަވާ އެތަނުގައި ތިބި ބައެއް މީހުންނަށް އަނިޔާދޭ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ.
އެ މައްސަލާގައި މިހާތަނަށް 6 މީހަކު ހައްޔަރުކޮށްފައިވާއިރު، އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ މިކަމުގައި ސަރުކާރާއި ކަމާ ބެހޭ އިދާރާތަކުން އެޅި އަވަސް ފިޔަވަޅަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި މި ދުވަހަކީ 2015 ވަނަ އަހަރުން ފެށިގެން ވެސް ފާހަގަކުރަމުން އަންނަ ދުވަހެއްކަމަށް ބުނެ އެޕާޓީން ވަނީ މިފަދަ ހަމަނުޖެހުންތަކަށް މުޖުތަމައުގައި ޖާގަ ނެތް ކަމަށް ބުނެފައެވެ.
އެ މައްސަލާގައި 6 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މައްސަލާގައި ބައިވެރިވި މީޙުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް އެ އިދާރާއިން ކުރާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ބަލަމުން އަންނަނީ ފުލުހުންގެ ސިރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ކުށްވެރިކޮށް ހަރުކަށިކޮށް މައްސަލަ ބައްލަވާނެ ކަމަށް ރައީސް ސޯލިހު ވެސް ވިދާޅުވެފައިވެއެވެ.