މިއަދު ހެނދުނު ގަލޮޅު ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތުގައި ހިންގި ހަމަނުޖެހުމަށް އިދިކޮޅު ޕީޕީއެމް އިން ވަގިވެރިވެފައިވާކަން ފުލުހުން ކަށަވަރުކޮށްދީފިއެވެ.
ބައިނަލްއަގްވާމީ ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަނީ ވަދެގަނެ ހަމަނުޖެހުން ހިންގާފައެވެ. ޝަހަދަތުގެ ކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ވަދެ އެތަނުގައި ހަޅޭއްލަވާ އެތަނުގައި ތިބި ބައެއް މީހުންނަށް އަނިޔާދޭ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ.
އޭގެ ފަހުން ސޯޝަލް މީޑިއާގައި އާންމުވި ބައެއް ފޮޓޯތަކުން ފެންނަގޮތުގައި އެ ދިދަތައް ރޭ ފަތިހު ނެރުނީ ޕީޕީއެމް ގެ މައި އޮފީހުންނެވެ. އެކަމަކު ޕީޕީއެމް އިން ވަނީ އެކަން ދޮގުކޮށްފައެވެ.
އެ ހަމަނުޖެހުމާއި ގުޅިގެން ފުލުހުން ދެންމެ ނެރުނު ބަޔާނުގައި ބުނީ އެ ހަމަނުޖެހުމުގައި ބޭނުންކުރި ބައެއް ތަކެތި ނެރުނީ އެ އޮފީހުންކަން ފުލުހުންނަށް އެނގިފައިވާ ކަމަށެވެ.
އެ މައްސަލާގައި 6 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މައްސަލާގައި ބައިވެރިވި މީޙުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް އެ އިދާރާއިން ކުރާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ބަލަމުން އަންނަނީ ފުލުހުންގެ ސިރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ކުށްވެރިކޮށް ހަރުކަށިކޮށް މައްސަލަ ބައްލަވާނެ ކަމަށް ރައީސް ސޯލިހު ވެސް ވިދާޅުވެފައިވެއެވެ.