ދިވެހިރާއްޖޭގެ ގައުމީ ތަރައްގީގައި ސަރުކާރުގެ ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑު ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ކަރަންޓުގެ ހިދުމަތަކީ، ސާފުވައި ބޭނުންވާ ފަދައިން އަސާސީ ހިދުމަތެއް ކަމަށެވެ. އަދި 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ނުލިބި އުޅުމަކީ މިއަދު ދަތިކަމެއް ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ނައިބު ރައީސް ވިދާޅުވީ، ސްޓެލްކޯއަށް މިބޮޑު ޒިންމާ އަދާކުރެވެމުން ދަނީ ވަރަށް ހީވާގި މަސައްކަތްތެރި ޓީމެއް އެކުންފުނީގައި އޮވެގެން ކަމަށާއި ރާއްޖޭގެ 35 ރަށެއްގައި ސްޓެލްކޯއިން ކަރަންޓްގެ ހިދުމަތް ދެމުންދާއިރު، ހީވާގި ޓީމެއް އުފެއްދޭނީ ވަރަށް ރަނގަޅު މެނޭޖްމަންޓެއް އޮވެގެން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މަސައްކަތާއި ހިދުމަތުގެ އަގު ވަޒަންކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަން ސްޓެލްކޯއިން ފެނިގެންދާ ކަމަށެވެ.
ސަރުކާރުގެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނަމުންދޭ، އެގޮތުން ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ކަންކަމުން ފެށިގެން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރެޔާއި ދުވާލު ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން.
ރަސްމިއްޔާތުގައި އިތުރަށް ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ސްޓެލްކޯއަކީ އިޖުތިމާޢީ ގިނަކަންކަންވެސް ކޮށްދެމުން އަންނަ ކުންފުންޏެއްކަން ފާހަގަކުރައްވާފައެވެ. އަދި ސްޓެލްކޯގެ އޭރާއި މިހާރުގެ އިސްވެރިން ހިމެނޭގޮތުން ސްޓެލްކޯގެ މެނޭޖްމެންޓަށާއި މުވައްޒަފުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މިޖަލްސާގައި ނައިބު ރައީސް ވަނީ ސްޓެލްކޯގެ ރޫފްޓޮޕް ސޯލާ ހަކަތަ ޕްރޮގްރާމް އަވިކަތަ އިފްތިތާހުކޮށްދެއްވާފައެވެ. މީގެ އިތުރުން އެ ކުންފުނީގެ 25 އަހަރުގެ ތާރީހުގައި އެކުންފުންޏަށް ހިދުމަތްކޮށްދެއްވާފައިވާ މެނޭޖިން ޑިރެކްޓަރުންނަށް ދޭ އެވޯޑާއި، ދިގު މުއްދަތުގެ އެވޯޑު އަދި ބެސްޓް ޔުނިޓް ހެޑް/ސްޓޭޝަން މެނޭޖަރުންނަށް ދޭ އެވޯޑު ހަވާލުކޮށްދެއްވީ ވެސް އެމަނިކުފާނެވެ.
1949 ވަނަ އަހަރު މާލޭގައި ކަރަންޓްގެ ހިދުމަތްދޭން ފެށުނުއިރު، މާލޭގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި، 100 ޕަސަންޓް ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، (ސްޓެލްކޯ) އުފައްދަވާފައި ވަނީ 1997 ވަނަ އަހަރުގައެވެ.