މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހއ. ހދ. އަދި ށ. އަތޮޅުގައި ކުރިއަށް ގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް މަޝްރޫޢުން "ސަރަހައްދީ ދަނޑުވެރި-ވިޔަފާރީގެ މައުރަޒު"ގެ ނަމުގައި ހަނިމާދޫގައި މިއަދު މައުރަޒެއް ކުރިއަށް ގެންގޮސްފިއެވެ.

އެއް ދުވަހަށް ކުރިއަށްދިޔަ މި މައުރަޒު ހުޅުއްވާދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ޙަޞަންއެވެ. މި މައުރަޒުގެ މަޤްސަދަކީ ދަނޑުވެރިންނާއި ދަނޑުވެރިކަމުގެ ވިޔަފާރީގައި އުޅުއްވާ ފަރާތްތަކާއެކު ވިޔަފާރީގެ ގުޅުން އުފެއްދުމަށް މަގުފަހިކޮށްދިނުމެވެ.

މި މަޢުރަޒު ހުޅުއްވާދެއްވަމުން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ކުޑަބިންކޮޅަކުން އެންމެ އެދެވޭ ނަފާއެއް ނެރެވޭ ގޮތަށް ދަނޑުވެރިކަމުގެ މަސައްކަތްތައް ބައްޓަންކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ހަމައެއާއެކު ދަނޑުވެރި އުފެއްދުންތައް ގަނެ ވިއްކުމުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ދަނޑުވެރިންނާއި ދެމެދު ވިޔަފާރީގެ ގުޅުންތައް އުފައްދާ، ތަކެތި ގަންނަ ފަރާތްތަކުން ބޭނުންވާ ބާވަތްތައް، ބޭނުންވާ ފެންވަރުގައި އުފައްދާ ބާޒާރަށް ނެރެމުން ގެންދިއުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައިވެއެވެ.

މި މައުރަޒުގައި ބައިވެރިވުމަށް ހއ. ހދ. އަދި ށ. އަތޮޅުގެ 26 ރަށަކުން ދަނޑުވެރިކަމުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ދައުވަތު އެރުވުނެއެވެ. އޭގެތެރެއިން 20 ރަށަކުން ވަނީ މައުރަޒުގައި ބައިވެރިވެފަ އެވެ. މިއިން ކޮންމެ ރަށަކަށް މި މަޢުރަޒުން ވަނީ ސްޓޯލެއް ކަނޑައަޅާފައެވެ.

ދަނޑުވެރިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދެއްވުމުގައި ޙަރަކާތްތެރިވާ ވިޔަފާރިތަކަށްވެސް މި މަޢުރަޒުގައި ވަނީ ސްޓޯލްތަކެއް ޚާއްޞަކޮށްފައެވެ. މި މައުރަޒުގައި މިފަދަ 4 ވިޔަފާރިއަކުން ވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުން ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ލޯނު ދޫކުރުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ މުޢައްޞަސާ ކަމަށްވާ އެސް.ޑީ.އެފް.ސީއިންނާއި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުން ވަނީ މި މަޢުރަޒުގައި ބައިވެރިވެފަ އެވެ.

މިއަދު ފެށުނު މި މަޢުރަޒުގައި މަޝްރޫޢާއި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ އަދި ދަނޑުވެރިކަމުގެ ސާމާނު ވިއްކާ ފަރާތްތަކާއި ދަނޑުވެރިކަމުގެ ބާވަތްތައް ގަންނަ ފަރާތްތަކުން މައުލޫމާތު ދިނުމުގެ ތަފާތު ސެޝަންތައްވެސް ވަނީ ބާއްވާފައެވެ. އަދި ދަނޑުވެރިންނާއި، ދަނޑުވެރިކަމުގައި ބޭނުންކުރާ ސާމާނު ވިއްކާ ފަރާތްތަކުގެ އިތުރުން ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނަ ފަރާތްތަކާއި ދެމެދު ގުޅުން ބަދަހިކޮށް ބޭނުންވާ މައުލޫމާތު ބަދަލު ކުރެވޭނެ އިންތިޒާމު މި މަޢުރަޒުގައި ވަނީ ހަމަޖައްސައިދީފައެވެ. މި މަޢުރަޒުގައި ބައިވެރިވެ ވަޑައިގެންނެވި 4 ރަށަކުން ވަނީ ދަނޑުވެރިކަމުގެ ސާމާނު ވިއްކާ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *