މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ރައީސް އަކަށް ވަން އޮންލައިންގެ މެނޭޖިންގ އެޑިޓަރ އަލީ ރިފްޝަން އިންތިޚާބުކޮށްފިއެވެ.

ރިފްޝާން އެ މަގާމަށް އިންތިޚާބުކުރީ މިއަދު އެ އެސޯސިއޭޝަނުން ބޭއްވި އަހަރީ އާއްމު ޖަލްސާގައެވެ. ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ހަވީރު 4:15ގައި ބޭއްވި އެ ޖަލްސާއަށް ހާޒިރުވެފައި ވަނީ 24 މެންބަރުންނެވެ.

މި ޖަލްސާގައި އެސޯސިއޭޝަންގެ 2019، 2020 އަދި 2021ގެ އަހަރީ ރިޕޯޓްތައް ފާސްކޮށް، ޖަމްއިއްޔާގެ ރައީސްކަމާއި ނައިބު ރައީސްކަމަށް ބޭފުޅުން އިންތިހާބުކުރިއެވެ. އެގޮތުން އެސޯސިއޭޝަންގެ އަހަރީ ރިޕޯޓްތައް ފާސްކޮށްފައި ވަނީ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ. އަދި ޖަމްއިއްޔާގެ ރައީސް ކަމަށް ވާދަކުރެއްވީ ނައިބު ރައީސްކަމުގައި ހުންނެވި އަލީ ރިފްޝާން އެކަންޏެވެ. އެ މަގާމަށް އޭނާ އިންތިހާބުވީ ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

ރިފްޝާން ރައީސް ކަމަށް އިންތިހާބުވުމާ ގުޅިގެން ނައިބު ރައީސްކަމުގެ މަގާމު ހުސްވުމުން އެ މަގާމަށް ވެސް މީހަކު އިންތިހާބުކުރި އެވެ. ނައިބު ރައީސް ކަމަށް ކުރިމަތިލެއްވީ ދުވަސް ނޫހުގެ ފައުންޑަރު އަދި އެޑިޓަރު އަޒްމީ އަލީއެވެ. އަޒްމީ ނައިބު ރައީސް ކަމަށް އިންތިހާބުވީ 20 މެންބަރުންގެ ވޯޓުންނެވެ.

މިއަދުގެ ޖަލްސާގައި އެސޯސިއޭޝަނުން ކުރިއަށް ރާވާފައިވާ މުހިންމުކަންކަން އިއުލާންކުރިއެވެ. އެގޮތުން އިއުލާންކުރި ކަންކަމަކީ އަންނަ އޮގަސްޓްމަހު ފޮޓޯ ޖާނަލިސްޓުންގެ އެގްޒިބިޝަނެއް ބޭއްވުން އަދި ނޫސްވެރިން ކުރިއެރުވުމަށް އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކަށް ފަންޑެއް ހުޅުވާލުން ހިމެނެއެވެ.

މިއަދުގެ ޖަލްސާއަށް ހާޒިރުވި އާންމު މެންބަރުން ވަނީ އެސޯސިއޭޝަންގެ ކަންކަމާ މެދު ހިޔާލު ފާޅުކޮށްފައެވެ. އެގޮތުން ޖަމްއިއްޔާގެ ހިންގުން އިތުރަށް ހަރުދަނާކުރުމާއި ނޫސްވެރިންނާ ގުޅުން ހަރަކާތްތައް ވީހާ ބޮޑަށް ހިންގުން ފަދަ ކަންކަން އިތުރު ކުރުމާ ގުޅޭ ގޮތުން މެންބަރުން ހިޔާލުފާޅުކުރިއެވެ.

މިއަދުގެ ޖަލްސާއަށް އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެޖެންޑާގައި ހިމެނި ނަމަވެސް އެކަމަށް ބޭނުންވާ އަދަދަށް މެންބަރުން ހާޒިރުނުވުމުން އެޖެންޑާގެ އެބައި ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

 

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *