އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށް ކޮވިޑް-19 ގެ ދެ ވެކްސިނެއް ދިނުމުގެ ހުއްދަ ދީފި އެވެ.
ހުކުރު ދުވަހު އެފްޑީއޭ އިން ވަނީ ފައިޒަރ-ބައޯއެންޓެކްގެ ވެކްސިން ހަ މަހާއި ހަތަރު އަހަރާ ދެމެދުގެ ކުދިންނަށް އަދި ހަ މަހާއި 17 އަހަރާ ދެމެދުގެ ކުދިންނަށް މޮޑާނާގެ ޝޮޓް ދިނުމުގެ ހުއްދަ ދީފައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، އަންނަ ހަފްތާގެ ކުރީކޮޅު، އެމެރިކާގެ އެކި ކަންކޮޅުތަކުގައި، ފަސް އަހަރުން ދަށުގެ އުމުރުފުރާއަށް ވެކްސިން ދިނުމުގެ ކަންކަން ފައްޓަވާނެކަމަށެވެ. ނަމަވެސް، ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ފެށުމުގެ ކުރިން ވެކްސިން ޖަހަންޖެހޭ ގޮތާ މެދު ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލް (ސީޑީސީ) އިން އުސޫލުތަކެއް އެކަށައަޅަންޖެހެ އެވެ. ބައިޑަން ވިދާޅުވިގޮތުގައި އަންނަ ހަފްތާގެ ކުރީކޮޅުގައި ސީޑީސީން ނިންމަންޖެހޭ ކަންކަން އެ އިދާރާއިން ނިންމާނެ އެވެ.
"އެމެރިކާގެ އެކި ކަންކޮޅުތަކުގައި ތިބި ބެލެނިވެރިންނަށް، މިއަދަކީ ހިތްހަމަޖެހުން ލިބޭ ދުވަހެއް،" ބައިޑަންގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
އަންދާޒާތަކުން ދައްކާގޮތުގައި 5 އަހަރުން ދަށުގެ ކުދިންނަށް ވެކްސިންގެ ހުއްދަ ދިންނަމަވެސް، ބެލެނިވެރިންގެ ޝައުޤުވެރިކަން އެކަމަކަށް ނުލިބޭނެ އެވެ. އަދި ވެކްސިން ޖަހާ ތުއްތު ކުދިންގެ ނިސްބަތް މަދުވާނެކަމަށް ލަފާކުރެ އެވެ.
ބައެއް އަންދާޒާތަކުން ދައްކާ ގޮތުގައި، ހުރިހާ ކުދިންގެ ތެރެއިން ތިން ބައިކުޅަ އެއްބައި ކުދިންނަށް މިހާރުވެސް ވަނީ ބަލި ޖެހިފައެވެ. އަދި ފައިޒަރގެ ޝޮޓްތައް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެކުދިންނަށް ހުޅުވާލި ފަހުން އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ވެކްސިން ޖަހާފައިވަނީ އެންމެ 30 އިންސައްތަ ކުދިންނެވެ.
ކޮވިޑްޖެހޭ ކުޑަކުދިންނަށް އާންމުކޮށް ބޮޑުވަރު ވަނީ ނިސްބަތުން މަދު ފަހަރެއްގަ އެވެ. ނަމަވެސް 2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ކޮވިޑަކީ އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ ކުދިން މަރުވާ ފަސް ވަނަ ސަބަބު ކަމަށާއި އެއް އަހަރުން ދަށުގެ ކުދިން މަރުވާ ހަތަރު ވަނަ އަށް އެންމެ ބޮޑު ސަބަބު ކަމަށް ސީޑީސީން ބުނެ އެވެ.
ކޮވިޑް-19 ޖެހިގެން ފަސް އަހަރުން ދަށުގެ 440 އެއްހާ ކުދިން މަރުވެފައިވާ ކަމަށް ފެޑެރަލް ޑޭޓާތަކުން ދައްކައިފިއެވެ.