ބަންގްލަދޭޝް އާއި އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 41 މީހުން މަރުވެ، އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.

އޭއެފްޕީން ރިޕޯޓްކުރާ ގޮތުގައި ހުކުރު ދުވަހުގެ މެންދުރުން ފެށިގެން ދެކުނު އޭޝިޔާގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، އިންޑިއާ އިން 21 މީހުން މަރުވެފައިވެ އެވެ. ބަންގްލަަދޭޝްއިން 20 މީހަކު ވަނީ މަރުވެފަ އެވެ.

އޭގެ ތެރޭގައި އުމުރުން 12 އަހަރާއި 14 އަހަރާ ދެމެދުގެ ތިން ކުދިން ވެސް ހިމެނެ އެވެ.

އިންޑިއާގެ އައްސާމް ސްޓޭޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 1.8 މިލިއަނަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވެއެވެ. ފަސް ދުވަސް ވަންދެން ހުއްޓުމެއްނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ، އެތައް ބަޔަކު ހާލުގައި ޖެހިފައިވާކަމަށް އެ ސްޓޭޓުގެ ބައެއް އަވަށްތަކުން ވަނީ ބުނެފަ އެވެ.

އައްސާމްގެ ޗީފް މިނިސްޓަރު ހިމާންތާ ބިސްވާ ޝަރުމާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް "ބޭނުންވާ ހުރިހާ އެހީތެރިއަކާއި ލުޔެއް" ފޯރުކޮށްދިނުމަށް ޑިސްޓްރިކްޓް އޮފިޝަލުންނަށް އިރުޝާދު ދެއްވި ކަމަށެވެ.

ފެންބޮޑުވުމުގެ ހާދިސާތަކަކީ ބިންތިރި ބަނގްލަދޭޝްގެ އެތައް މިލިއަން ބަޔަކަށް ގަވާއިދުން ކުރިމަތިލާންޖެހޭ ނުރައްކަލެކެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ފެންބޮޑުވުމުގެ ހާދިސާތައް އަންނަނީ އިތުރުވަމުންނެވެ.

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގެ އިރުއުތުރުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބައެއް ގެތަކުން މީހުން ހުސްކޮށްފައިވެއެވެ. އަދިވެސް އަންނަނީ ބައެއް ސަރަހައްދުތަކުގެ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތްކުރަމުންނެވެ. އަދި ގިނަ ގެދޮރުގައި ފެންބޮޑުވެ، ސްކޫލްތައް ވަނީ ރިލީފް ހިޔާތަކަކަށް ބަދަލުވެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *