ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ އެއްވެސް ޖިނާއީ މައްސަލައެއް ބަލަމުން ނުދާކަން ފުލުހުން ކަށަވަރުކޮށްދީފިއެވެ.
ޕީޖީ ޝަމީމްގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެއް އޮތް ކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ފުލުހުން ބުނީ އެފަދަ އެއްވެސް ކަމެއް ނެތް ކަމަށާއި، ޕީޖީގެ މައްޗަށް އެއްވެސް ޖިނާއީ މައްސަލައެއް ބަލަމުން ނާންނަ ކަމަށެވެ.
މިފަދަ މައްސަލައެއްގެ ވާހަކަ ފެންމަތިވެފައި މިވަނީ ޕީޖީ މަގާމުން ވަކިކުރަން އެމްޑީޕީން ނިންމާފައި ވަނިކޮށެވެ. އެމްޑީޕީ ޕީޖީ ބައްދަލުވުމުގައި އެގޮތަށް ނިންމީ، ބައްދަލުވުމުގައި ބައިވެރިވި މެެމްބަރުންގެ އަޤުލަބިއްޔަތުންނެވެ. އެގޮތުން ޕާލިމެންޓްރީ ގުރޫޕްގައި، ޝަމީމް މަޤާމުން ވަކިކުރުމަށް ފާސްވެފައިވަނީ ވޯޓުދިން 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ.