"ޔޫ.އެން.ޑަބުލިޔު.ޓީ.އޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް" ސަމިޓް ނިންމާލައިފި އެވެ.
ސަމިޓް ނިންމުމުގެ ގޮތުން މިރޭ ވަނީ ރޭގަނޑުގެ ފަރިއްކޮޅެއް ބާއްވައިފަ އެވެ. މިރޭގެ ފަރިކޮޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން، ނައިބް ރައީް ފައިސަލް ނަސީމްވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
"ޔޫ.އެން.ޑަބުލިޔު.ޓީ.އޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް" ސަމިޓް ނިންމުމުގެ ގޮތުން ބޭއްްވި މިފަރިއްކޮޅު އޮތީ މިރޭ، ކްރޮސް ރޯޑްސް މޯލްޑިވްސް ގައެވެ. ޖޫން 15 އިން 16 އަށް ދެ ދުވަހުގެ މުއްދަތަަށް ކުރިޔަށް ދިޔަ މި ސަމިޓް، ފަށްޓަވައި ދެއްވީ، ނައިބް ރައީސް ފައިސަލް ނަސީމް އެވެ.
ސަމިޓްގެ ފުރަތަމަ ދުވަހު ކުރިޔަށް ގެންގޮސްފައި ވަނީ ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމާ ބެހޭ ގޮތުން ބޭއްވި މަތީ ފަންތީގެ މަޝްވަރާތަކެވެ.
ސަމިޓްގައި ބުރާސްފަތި ދުވަހު ސެޝަންތައް ކުރިޔަށް ގެންގޮސްފައި ވަނީ ތިން ތީމަކަށެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމާއި ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަން (ޔޫ.އެން.ޑަބުލިޔު.ޓީ.އޯ) ގުޅިގެން ބޭއްވި މި ސަމިޓްގައި މަޝްވަރާކޮށްފައި ވަނީ، މުޖުތަމަޢުގެ އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ފަތުރުވެރިކަން ކުރިޔަށް ގެންދިޔުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އޮތް ފުރުޞަތުތަކާއި އަދި، ގޮންޖެހުންތަކާ ގުޅޭ ގޮތުންނެވެ.