ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ޕެންޝަންގެ ހައްގުވެރިންނަށް އެންމެ އެދެވޭގޮތެއްގައި ޕެންޝަން ލިބެމުން ނުދާކަމަށް ބުނެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމުން، އެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ސިޓީއެއް ހުށަހަޅައިފި އެވެ.
އެ މައްސަލައަކީ 16 މޭ 2022 ގައި އެމްއެންޕީގެ ޕާލިމެންޓްރީ ގުރޫޕް (ޕީޖީ) ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ 179 ވަނަ މާއްދާގެ ދަށުން މަޖިލީހަށްވެސް ހުށަހެޅި މައްސަލައެކެވެ. ނަމަވެސް މިމައްސަލަ ހުށަހަޅާފައިވަނީ ޤާނޫނު އިސްލާހުކުރުމަށް ބިލެއްގެ ގޮތުގައެއް ނޫނެވެ.
ސަބަބެއްކަމަށް އެ ޕާޓީން ބުނީ ޕެންޝަނާ ގުޅޭ ކަންކަމަކީ އެކަމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާނެ ކަމެއްކަމަށްވާތީ އެފަދަ ބިލު ހުށަހެޅެނީ ސަރުކާރަށްކަމަށް ވާތީކަމަށެވެ. އެގޮތުން 18 މޭ 2022 ގައި އެމްއެންޕީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒް މައްސަލަ މަޖިލީހުގެ ތަޅުމުގައި ހުށަހެޅުމުން، މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ. ބަހުސްކުރޭތޯ ނުވަތަ ނޫންތޯ ބެލުމަށް ވޯޓަކަށް ހުށަހެޅުމުން ފެންނަކަމަށް 9 ވޯޓް އަދި ނުފެންނަ ކަމަށް 19 ވޯޓު ދެއްވި އެވެ.
އެމްއެންޕީން ބުނީ ޤާނޫނާގުޅޭގޮތުން އެ ޕާޓީއިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ޕެންޝަންޤާނޫނު ވުޖޫދުވެ ތަންފީޒުކުރެވެން ފެށިގެން މިއަދާއި ހަމަޔަށް ޤާނޫނުގެ މަޤްޞަދްތަކާއި، ލާޒިމްކޮށްފައިވާ ޒިންމާތަކާއި ޤާނޫނުން ކަނޑައަޅާފައިވާ ކަންކަން އެންމެ އެދެވޭ ގޮތެއްގައި ބައެއް ޕެންޝަންގެ ޙައްގުވެރިންނަށް ލިބިދެމުން ނުދާކަމަށެވެ. އެގޮތުން ޅައުމުރުން ފެށިގެން އެތަކެއް އަހަރުތަކެއް ވަންދެން ދައުލަތަށް ހިދުމަތްކޮށްފައިވާ މީހާއަށް ސަރުކާރުން އޯލްޑް-އޭޖް ޕެންޝަންގެ ގޮތުގައި ދޭ ޢަދަދާއި، މުޖުތަމަޢަށް ގެއްލުންވާހެން އުމުރުގެ ބޮޑުބައި ހޭދަކުރި މީހާއާ އެއްވެސް ތަފާތެއް ނެތްފަދައިން ޕެންޝަން ދިނުމަކީ އެންމެ އިންސާފުވެރި ގޮތެއް ކަމަށް އެ ޕާޓީން ނުދެކޭކަމަށް އެމްއެންޕީން ބުންޏެވެ.
އެމްއެންޕީން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް އެމްއެންޕީއިން ހުށަހެޅި ސިޓީގައި، މި މައްސަލައަކީ އެ ޕާޓީއިން އިސްރަށްވެހިންގެ ޖަމްއިއްޔާއާއެކު ބޭއްވި ބައްދަލުވުމުގައި އެފަރާތުގެ ނުހަނު ކަންބޮޑުވުން ތަކުރާރުކޮށް ފާޅުކޮށްފައިވާ މައްސަލައެއްކަން ފާހަގަކޮށްފައިވާނެކަމަށެވެ. އަދި އެ ސަބަބަށްޓަކައި، ކަމާގުޅޭ މަޢުލޫމާތު އެއްކޮށް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެ މައްސަލައަށް ހައްލެއް ހޯދޭތޯ ޕާޓީން ވާނީ ގިނަ މަސައްކަތްތަކެއް ކޮށްފައިކަމަށެވެ.
ދައުލަތަށް ޚިދުމަތް ކުރުމަށްފަހު "ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު" ވުޖޫދަށް އައުމުގެ ކުރިން ޚިދުމަތުން އެއްފަރާތަށް ވަޑައިގެންނެވި ބޭފުޅުންނަށް، އޯލްޑް-އޭޖް ޕެންޝަންގެ ގޮތުގައި ކަނޑައަޅާފައިވާ ޢަދަދަށްވުރެ އިތުރަށް ފައިސާ ދިނުމަށް އޮތް ހުރަހަކީ އެކަމަށް ހިނގާނެ ބޮޑު ހޭދަކަމަށް ޕެންޝަން އޮފީހުން މައުލޫމާތު ދީފައިވީނަމަވެސް އެއީ އަސްލެއްގެ މައްޗަށް ދެކެވޭ ވާހަކައެއްކަމަށް މިޕާޓީއަށް ގަބޫލު ނުކުރެވެއެވެ.
އެމްއެންޕީން މައްސަލާގައި ނެރިފައިވާ ބަޔާން ނިންމާލަމުން ބުުނެފައިވަނީޤައުމަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އިސްރަށްވެހިންގެ ހިދުމަތްތަށް އަގުވަޒަންކޮށް، އިންސާފުވެރިކަމާއެކީ ޕެންޝަން ލިބޭނެ ގޮތަކަށް ދައުލަތުގެ ޕެންޝަން ސިޔާސަތު ބައްޓަންކޮށްދެއްވުމަށް، ސިޓީގައި އެދިފައިވާނެ ކަމަށެވެ.