މާލެ ސަރަހައްދުގެ ގޭބިސީތަކުގެ 15 ޕަސަންޓް ކަސްޓަމަރުން ވަރަށް ރަނގަޅަށް ކުނި ވަކިކުރަމުންދާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.
ވެމްކޯއިން މިއަދު ނެރުނު ޕްރެސް ރިލީޒްއެއްގައި ވަނީ ކުނި ވަކިކޮށްގެން ބަލައިގަންނަން ފެށިތާ މިވީ ހަތް ދުވަހުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެގޮތުން ވެމްކޯއިން ބުނީ ކުނި ވަކިކޮށްގެން ބަލައިގަތުމުގެ ކުރިން މާލެ ސަރަހައްދުގެ ގޭބިސީތަކުން ކޮންމެ ދުވަހަކު 1300 އަށްވުރެ ގިނަ ޑަސްބިންގެ ދުވަހު ކުނި އުކާލަމުން ދިޔަ ކަމަށްވެ.
ވެމްކޯއިން ބުނީ، ކުނި ވަކިކޮށް އުކާލަން ފެށިފަހުން އުފެދޭ ދުވަހު ކުނީގެ އިންސައްތައަށް ބޮޑު ބަދަލެއް އައިކަމަށް މިވަގުތު ފާހަގަވެފައި ނުވާ ކަމަށެވެ. ނަމަވެސް ގޭބިސީތަކުން އުފެދޭ ދުވަހު ކުނީގެ މުހިންމު އިތުރު މައުލޫމާތުތަކެއް ލިބެމުންދާ ކަމަށެވެ.
ވެމްކޯއިން ބުނީ ބައެއް ގޭބިސީތަކުން އެހެނިހެން ކުންޏާއި ޕްލާސްޓިކް ފުޅީގެ ކުނި އަޅާފައިވާ ކޮތަޅު ފުރާލުމަށްފަހު ނެރޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމަށް އެ ކުންފުނިން ބާރުއަޅާ ކަމަށާއި، ވީހާވެސް ގިނަ ކަސްޓަމަރުން ކުނި ބަންދުކުރުމުގެ އެ ހެޔޮ ބަދަލަށް އަހުލުވެރިވުމަށް ވެމްކޯއިން ވަނީ އެދިފައެވެ.
ކުނި އުކާލަން ފެށިތާވީ ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިވަގުތު ލިބެމުންދާ ކުނީގެ 51 ޕަސަންޓަކީ އެހެނިހެން ކުނީގެ ބާވަތްތައް ކަމަށާއި، 49 ޕަސަންޓަކީ އަމިއްލައަށް ފަނާވާ ޒާތުގެ ކުނި ކަމަށެވެ. ވެމްކޯއިން ބުނީ ގޭބިސީތަކުން އުކާލާ ކުނީގެ ތެރެއިން ޕްލާސްޓިކް ފުޅިގެ އެކި ބާވަތްތައް 27 ޕަސަންޓް އިތުރުވެފައިވާ ކަމަށެވެ.
ކުނި އެންމެ ރަނގަޅަށް ވަކިކުރާނަމަ ކުނީގެ ތަފާސްހިސާބު ހުންނާނެ ގޮތް:
- ފަނާވާ ޒާތުގެ ކުނި: 65 ޕަސަންޓް
- އެހެނިހެން ކުނި: 22 ޕަސަންޓް
- ޕްލާސްޓިކް ފުޅީގެ ބާވަތްތައް: 13 ޕަސަންޓް
ވެމްކޯއިން އިތުރަށް ބުނީ މާލެ ސަރަހައްދުގެ ގޭބިސީތަކުގެ 15 ޕަސަންޓް ކަސްޓަމަރުން ވަރަށް ރަނގަޅަށް ކުނި ވަކިކުރަމުންދާ ކަމަށެވެ. ހަމައެއާއެކު ކުންޏަށް ގެނައި ބަދަލަށް ކަސްޓަމަރުން އަހުލުވެރިވަމުންދާ މިންވަރާއި، ދޭ އެއްބާރުލުމާމެދު އެ ކޯޕަރޭޝަނުން ހިތްހަމަޖެހޭ ކަމަށް ވެމްކޯއިން ބުނެއެވެ.