ހދ. ކުމުންދޫގައި ތަރައްގީކޮށްފައިވާ ނޭޗަރ ޕާކުގައި ބަޔަކު ރޯކޮށްލައިފިއެވެ.

ކުމުންދޫ ކައުންސިލުގެ ރައީސް މުހައްމަދު އަމީން "ޖަޒީރާ" އާ ވާހަކަދައްކަވަމުން ވިދާޅުވީ ބެލެވޭގޮތުގައި އެތަނުގައި ރޯކޮށްލީ ރޭ ފަތިހު ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ކައުންސިލަށް އެކަން އެނގުނީ ފަތިހު 5 ޖަހާކަންހާއިރު، އެތަނުގައި ރޯކޮށްލާފައި ހުއްޓާ ބަޔަކަށް ފެނިގެން ރިޕޯޓުކުރުމުން ކަމަށެވެ.

ތަނުގެ 95 އިންސައްތަ އެއްކޮށް އަނދާ ބޭނުންނުކުރެވޭ ވަރުވެފަ އެވަނީ. ފައިސާއިން ބަލާ ނަމަ އެއީ ލައްކައަކަށް ވުރެ ބޮޑު ޚަރަދެއް.

އަމީން ވިދާޅުވީ އެ ރަށަކީ ވަރަށް ސުލްހަވެރިކަމާއި އެކު މީހުން އުޅޭ ރަށެއް ކަމަށާއި، މުދަލަށް ގެއްލުންދިނުމާއި މިފަދަ ކުށްތަކަކީ ރަށުގައި އާންމުކޮށް ހިނގާ ކަންކަން ނޫން ކަމަށެވެ. އެހެންވެ އެތަނުގައި ރޯކޮށްލީ ކޮން ބައެއްކަން ލަފާވެސް ނުވާ ކަމަށާއި، ވަކި ބަޔަކަށް ތުހުމަތުވެސް ނުކުރެވޭ ކަމަށެވެ.

އެކަމަކު އެއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށާއި، އެތަނުގައި އަލިފާން ރޯވާ ޒާތުގެ އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަމީން ވިދާޅުވީ މިއީ ރަށަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި، މުޅި ރަށުގެ ރައްޔިތުންނަށް އެތައް ގޮތަކުން ފައިދާވެ އާންމުންގެ ތެރޭގައި ރަށް މަޝްހޫރުވެފައިވާ ތަނަކަށް އެގޮތަށް ގެއްލުންދިނުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.

އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅައި ބަލަމުން އަންނަ ކަމަށް އަމީން ވިދާޅުވިއެވެ.

ކުމުންދޫ ނެޗަރ ޕާކަކީ ކުމުންދޫ ޒުވާނުން ހިންގާ އަމިއްލަ ޖަމިއްޔާ ކުރެވި ޖަމްޢިއްޔާއިން ތަރައްގީކޮށް އެރަށު ކައުންސިލާއި ހަވާލުކޮށްފައިވާ ތަނެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *