ތިލަމާލެ ބްރިޖުގެ ކުރެހުމެއް -- ފޮޓޯ: އިންޑިއާ ހައިކޮމިޝަން

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއުގެ ދަށުން މާލެއާއި ވިލިމާލެ ގުޅާލުމުގެ މަސައްކަތް އަންނަ އަހަރު އޮގަސްޓް މަހަށް ނިމޭނެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެފްކޯންސް އިންފްރާންސްޓްރަކްޗާއިން ބުނެފިއެވެ.

އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޯންސްއިން މި މައުލޫމާތު ހާމަކޮށްފައި ވަނީ އިންޑިއާ އެމްބަސީން، އެ ގައުމަށް ގެންގޮސްގެންއުޅޭ ދިވެހި ނޫސްވެރިންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ތިލަމާލެ ބްރިޖް މަޝްރޫއާ ގުޅޭ ފަހުގެ މައުލޫމާތާއި، ބްރިޖްގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ތަފްސީލު ހާމަކޮށްފައިވެއެވެ.

އެ ދަތުރުގައި ބައިވެރިވި ނޫސްވެރިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތިލަމާލެ ބްރިޖުގެ މަސައްކަތް، ދީފައިވާ މުއްދަތަށް ނިންމާނެ ކަމުގެ ޔަގީންކަން އެފްކޮންސް ކުންފުނީގެ ފަރާތުން އެ މަޝްރޫއުގެ ކަންކަން އިސްވެ ބައްލަވާ ޑިރެކްޓަރު އޮފް އޮޕަރޭޝަން އާރްވީއާރް ކިޝޯރު ވަނީ ދެއްވާފައެވެ. ތިލަމާލެ ބްރިޖުގެ މަސައްކަތް ދީފައިވާ މުއްދަތަށް ނިންމާނެ ކަމުގެ ޔަގީންކަން ދިނުމާއެކު އެ ކުންފުނިން ވަނީ އެ މަސައްކަތުގައި ދިމާވަ ގޮންޖެހުންތައް ވެސް ނޫސްވެރިންނާ ހިއްސާކޮށްފައެވެ.

އެފްކޮންސްއިން ބުނީ، ކަނޑުގަދަވުމުގެ ސަބަބުން، ބްރިޖްގެ މަސައްކަތް ކުރުމަށް ބޭނުންވާ އެންމެ މުހިްނމު އެއް ސާވޭ، ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް ކުރުމަށް ދަތިވެފައިވާ ކަމަށެވެ. އަދި އެ ސާވޭގެ 50 ޕަސަންޓް މިހާރު ނިމި، އަންނަ އޮކްޓޯބަރުމަހު ސާވޭ އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. ހަމައެއާއެކު މި މަޝްރޫއަށް ބޭނުންވާ ސާވޭތަކަކަށް ބަލާ، ޑިޒައިންގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ބްރިޖް އެޅުމަށް ބޭނުންވާ ވަގުތީ ބްރިޖްގެ މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެށޭނެ ކަމަށެވެ.

ބްރިޖްގެ މަސައްކަތް ކުރުމަށް މިހާރުވެސް 500 މީހުން ސައިޓުގައި ތިބިއިރު، އޭގެ ތެރޭގައި 88 އިންޖީނިއަރުން ހިމެނެއެވެ. އެފްކޮންސްއިން ބުނީ މިއަހަރު ނިމޭއިރު 164 އިންޖީނިއަރުން ހިމެނޭހެން ބްރިޖުގެ މަސައްކަތް ކުރުމަށް ސައިޓުގައި 1،227 މީހުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި އެ ޓީމުގައި އިންޑިއާގެ އިތުރުން ތުރުކީ، ޖާމަނީ އަދި އޮސްޓްރޭލިއާގެ އިންޖީނިއަރުންނާއި ތަޖުރިބާކާރުން އަދި ކޮންސަލްޓަންޓުން ހިމެނޭނެ ކަމަށެވެ.

އެފްކޮންސްއިން ބުނީ ތިލަމާލެ ބްރިޖްގެ މަޝްރޫއު ކުރިއަށްދަނީ ތިން ފިޔަވައްސަަކަށް ބަހާލައިގެން ކަމަށާއި، މާލެއާއި ވިލިމާލެ ގުޅާލުމުގެ މަސައްކަތް އަންނަ އަހަރު ޖުލައި މަހުގެ ނިޔަލަށް ނިމި، އޮގަސްޓްމަހު އާންމު ދަތުރުފަތުރަށް ހުޅުވާލާނެ ކަމަށެވެ. އަދި އަންނަ އަހަރު ޑިސެމްބަރަށް ގުޅިފަޅާއި ތިލަފުށި ގުޅާލާއިރު، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްސީޕީ) ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އާއި އިންޑިއާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ގްރާންޓު ބޭނުންކޮށްގެންނެވެ.

މި މަޝްރޫއުގެ ދަށުން ފުން ހިސާބުތަކުގައި 141 މީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ރަށްތަކުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި 140 މީޓަރުގެ (3) ނެވިގޭޝަން ބްރިޖް އަޅަން ވަނީ ހަމަޖެހިފައެވެ.

ހަމައެހެންމެ، މާލެ އަދި ވިލިނގިލި ގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރެވޭނެއެވެ. އަދި ގުޅިފަޅު އަދި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރެވޭނެއެވެ. ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމުގެ ގޮތުން މި މަޝްރޫއުގެ ރޯޑް ލައިޓިން، ނެވިގޭޝަން ލައިޓިން، ދެކް ސެލް ލައިޓިން ސީ.ސީ.ޓީ.ވީ އަދި ސައިން ގެންޓްރީ ގެ ލައިޓިން އާއި އާކިޓެކްޗަރަލް ލައިޓިން ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭނީ އިރުގެ ހަކަތައެވެ. ލޭމްޕް ޕޯސްޓް ތަކާއި ބްރިޖްގެ ޕަރަޕެޓް ތަކުގައި ސޯލާ ޕެނަލް ހަރުކުރެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *