ހަކަތަރި ސާމާނު އަގުހެޔޮކޮށް އާންމުންނަށް ހޯދޭނެ މަގު ފަހިކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ފައިނޭންސިންގ ސްކީމުގެ އެއްބަސްވުމުގައި މިނިސްޓްރީ އިން މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ސޮއިކޮށްފިއެވެ.

މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަލްފާޟިލާ އާމިނަތު ޝައުނާއެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ސީ.އީ.އޯ އަލްފާޟިލް އަޙްމަދު ރިޒާއެވެ.

ސޮއިކުރި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަލްފާޟިލާ އާމިނަތު ޝައުނާ ވިދާޅުވީ ފައިނޭންސިންގް ސްކީމްގެ ދަށުން ހަކަތަރި ލޭބަލްޖެހި ސާމާނު ގަނެދިނުމަށް ހަމަޖެހިފައިވަނީ 10% ރޭޓުގައި ކަމަށެވެ. އަދި ވިދާޅުވީ މިއީ މިހާތަނަށް މިފަދަ ސްކީމަކުން ތަކެތި ގަނެދޭ އެއްމެދަށް ރޭޓުކަމަށެވެ.

ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހަކަތަރި ސާމާނު ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން ފައިނޭންސިންގް ސްކީމެއް ބޭންކުންކުރިއަށް ގެންދާނެއެވެ. ފައިނޭންސިންގް ސްކީމު ތައްޔާރުކޮށްފައިވަނީ ލިސްޓް ބޭސްޑް ފައިނޭންސިންގ ސްކީމެއްގެ ގޮތުގައެވެ. މިސްކީމުން ގަނެވޭނީ ހަކަތަރި ޕްރޮގުރާމުގެ ދަށުން ލޭބަލް ޖަހާފައިވާ ތަކެތީގެ ލިސްޓުގައި ހިމެނޭ ތަކެތީގެ ތެރެއިން 3، 4، އަދި 5 ތަރީގެ ތަކެއްޗެވެ.

ހަކަތަރި ޕްރޮގްރާމަކީ ރާއްޖެ ތަރައްގީވެ ކުރިއަރައިގެން އަންނައިރު ދެމެހެއްޓެނިވި ގޮތުގައި ކުރިއެރުމަށް ކުރެވޭ މަސައްކަތެކެވެ. ހަކަތަރި ޕްރޮގްރާމު ކާމިޔާބު ކަމާއެކު ހިންގިއްޖެނަމަ، މިފަދަ މަސައްކަތްތަކާނުލާ 2030 ވަނަ އަހަރާ ހަމައަށް ބޭނުންކުރެވޭނެ ކަމަށް އަންދާޒާކުރާ ހަކަތައިގެ މިންވަރުން 16% މަދު ކުރެވިގެންދާނެ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ. އިންޖީނުގެއަށް ބޭނުންވާ ޖެނެރޭޝަން ކެޕޭސިޓީ އަށް ބަލާނަމަ މިއީ 2030 އަށް ބޭނުންވާނެކަމަށް އަންދާޒާކުރާ ޖެނެރޭޝަން ކެޕޭސިޓީގެ ތެރެއިން 147 މެގަވޮޓް ކަމަށާއި، އެއީ އައު އިންޖީނުތައް ގަނެ އިތުރު ކަރަންޓުގެ ނިޒާމުތައް ބިނާކުރުމަށް ކުރަންޖެހޭ ހަރަދުގެ ތެރެއިން 800 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ މަގެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.