ބަންގްލަދޭޝްގެ އާ ސަފީރު ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް ކުރެއްވި ޒިޔާރަތިގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ރިއަރ އެޑްމިރަލް އެސް އެމް އަބްދުލް ކަލާމް އާޒާދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގައި ތިބި ބަންގްލަދޭޝް މަސައްކަތްތެރިންނާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ނައިބު ރައީސް ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖޭގެ ތަރައްގީގައި، އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު ވަނީ މަސައްކަތުގެ މާހައުލުގައި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމުގައި ވިދާޅުވެ، އެކަމުގައި އަދިވެސް މަސައްކަތްތައް ކުރަންހުރިކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ކުރިޔަށްގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމާ ބެހޭގޮތުން ނައިބު ރައީސް ވާހަކަދެއްކެވިއެވެ.

ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް އިތުރުވަމުން އަންނައިރު މުސްތަގުބަލުގައި އިތުރު މަސައްކަތްތެރިންނަށް ބޭނުންވާނެ

ބަންގްލަދޭޝްގެ ސަފީރު ވަނީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ސަރުކާރުން ފޯރުކޮށްދެއްވި އެހީތެރިކަމާއި ތަފާތުކުރުމެއްނެތި ވެކްސިންގެ ފޯރުކޮށްދެއްވުމަށް ކުރައްވާފައި މަސައްކަތް ފާހަގަކުރައްވާފައެވެ.

ބަންގްލަދޭޝްގެ އާ ސަފީރު ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް ކުރެއްވި ޒިޔާރަތިގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސާ، ބަންގްލަދޭޝްގެ ސަފީރު ވަނީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި، ވިޔަފާރިއާއި، ސިއްހީ ދާއިރާއާއި، ފަތުރުވެރިކަމާއި، އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ ދާއިރާއިން ހުރި ފުރުސަތުތައްފަދަ ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

ނައިބު ރައީސް ވަނީ އެމަނިކުފާނު އެންމެފަހުން ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގެ ހަނދާންތައް އާ ކުރައްވަމުން އެ ދަތުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް އަދާކުރެއްވި ފުރިހަމަ މެހުމާންދާރީއަށްޓަކައި ބަންގްލަދޭޝް ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ސަރުކާރުގެ އިސް ފަރާތްތަކުން ދެ ގައުމަށް ކުރައްވާފައިވާ ދަތުރުފުޅުތަކާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް މަގުފަހިވެގެންގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

ނައިބު ރައީސާ ބަންގްލަދޭޝްގެ ސަފީރު އެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުންތައް ކުރިމަގުގައި އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ. ދިވެހިރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 22 ސެޕްޓެންބަރު 1978 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.